ޓީސީ ސްޕޯޓްސް ބަލިކޮށް 12 އަހަރުގެ ދިގު މުއްދަތަކަށްފަހުން ކްލަބް ވެލެންސިއާ އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ހުކުރު ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗު ޓީސީއާ ވާދަކޮށް ވެލެންސިއާ ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މިމެޗުގައި ވެލެންސިއާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ވެލެންސިއާ އެވެ. ވެލެންސިއާއިން މެޗުގެ ލީޑުނެގި މި ލަނޑު މެޗުގެ 22 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހަސަން އަދުހަމް (ސަޑޭ) އެވެ.
މި ލަނޑަށްފަހުވެސް ވެލެންސިއާ އިން ދިޔައީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މެޗުގެ 38 ވަނަ މިނެޓުގައި ވެލެންސިއާއިން ވަނީ އެޓީމުގެ ދެވަނަ ލަނޑުޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނިޒާމް އެވެ.
އެހެންނަމަވެސް ފުރަތަމަ ހާފު ނިމެންދަނިކޮށް ޓީސީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާގެ ފަރަގު ކުޑަކޮށްފަ އެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އަލީ ނާފިއު (ކަޅޭ) އެވެ.
މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާއިން ވެލެންސިއާ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ރަނގަޅަށް ކުޅެމުންދިޔައީ ޓީސީ އެވެ. އެގޮތުން އެޓީމުން ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެހެންނަމަވެސް 50 ވަނަ މިނެޓުގައި ވެލެންސިއާގެ ސަޑޭ ވަނީ މެޗުގައި އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް އެޓީމަށް ލީޑު އިތުރަށް ފުޅާކޮށްދީފަ އެވެ.
މި ނަތީޖާއާއެކު ވެލެންސިއާ 12 އަހަރަށްފަހު އެފްއޭކަޕްގެ ޗެމްޕިއަންކަން ހޯދިއިރު މި ކާމިޔާބާއެކު ވެލެންސިއާއަށް ވަނީ އަންނަ އަހަރުގެ އޭއެފްސީ ކަޕުންވެސް ޖާގަލިބިގެން ގޮސްފައެވެ.
ވެލެންސިއާ ވަނީ މި މުބާރާތުގައި 2007 ވަނަ އަހަރުވެސް ފައިނަލް ކުޅެފައެވެ. އެހެން ނަމަވެސް އެޓީމު ވަނީ ފައިނަލުން ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަތުން ބަލިވެފައެވެ.