ކުޅިވަރުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 6 ބޭފުޅަކަށް..

ކުޅިވަރުގެ ދާއިރާއިން ހިތްވަރި ދިނުމުގެ ޤައުމީ އިނާމު 6 ބޭފުޅަކަށް އަރުވައިފިއެވެ.

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ކުޅިވަރުގެ ދާއިރާ އިން ޤައުމީ އިނާމް ލިބިވަޑައިގަތް ބޭފުޅުންގެ ތެރެއިން ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) އަށް ހިތްވަރު ދިނުމުގެ ޤައުމީ އިނާމް ލިބިވަޑައިގަތީ ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުންނެވެ. ދެކުނު ކޮރެއާގެ ސޯލްގައި 1988 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގައި ރާއްޖެ ދިދަ އުފުލެއްވި ކުޑަހުސެން ވަނީ 1992 ވަނަ އަހަރު ސްޕެއިނުގެ ބާސެލޯނާގައި ބޭއްވި އޮލިމްޕިކްސްގައިވެސް ރާއްޖެ ތަމްސީލްކޮށްފައެވެ.

އިޝްތިހާރު Below Header ad

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބް ރައީސްގެ މަޤާމުވެސް އަދާކުރައްވާފައިވާ ޑރ. ކުޑަ ހުސައިން ވަނީ ކުޅިވަރުގެ ދާއިރާއިން ޕީއެޗްޑީ ނަންގަވާފައެވެ. އަދި ދުވުންތެރިން ތަމްރީންކުރުމާއި ދުޅަހެޔޮ ސިއްޙަތު ޕްރޮމޯޓް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އިރު، އޭގެ ތެރެއިންވެސް ޚާއްޞަ ގޮތެއްގައި އަމިއްލަ އެކަޑަމީ މެދުވެރިކޮށް ކުޑަކުދިންނަށް ތަމްރީން ދެއްވަމުން ގެންދަވާކަން ފާހަގަ ކޮށްލެވެއެވެ.

ޑރ. ޙުސައިން ޙަލީމަަށް އިނާމު ޙަވާލުކޮށްދެއްވަނީ: ފޮޓޯ: ރައީސް އޮފީސް
ޑރ. ޙުސައިން ޙަލީމަަށް އިނާމު ޙަވާލުކޮށްދެއްވަނީ: ފޮޓޯ: ރައީސް އޮފީސް

ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ހިންގުމާއި ފަންނީ ރޮނގުން ޤައުމީ އިނާމް ހާސިލްކުރެއްވީ ކުރީގެ ރެފްރީ އަހްމަދު ޢަބީރު އިސްމާޢީލެވެ. ޢަބީރަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ރެފްރީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ނުވަދިހައިގެ ކުރީކޮޅުން ފެށިގެން 2006 ވަނަ އަހަރުގެ ނިޔަލަށް ރެފްރީކަން ކުރައްވާފައިވާ ޢަބީރު ވަނީ ރާއްޖެ އާއި ބައިނަލްއަޤުވާމީ ގިނަ މެޗުތަކަށް އިންސާފު ކުރައްވާފައެވެ. ފީފާ ބެޖް ޙާޞިލްކުރައްވާފައިވާ ޢަބީރަކީ ރެފްރީން ތަމްރީން ކުރުމާއި ރެފްރީންގެ އިދާރީ ކަންކަން އިންތިޒާމް ކުރެއްވުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.

އަޙްމަދު ޢަބީރު އިސްމާޢީލަށް އިނާމު ޙަވާލުކޮށްދެއްވަނީ. ފޮޓޯ: ރައީސް އޮފީސް
އަޙްމަދު ޢަބީރު އިސްމާޢީލަށް އިނާމު ޙަވާލުކޮށްދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

ޓޭބަލް ޓެނިސް ކުޅުންތެރިޔާ މުޢީނާ މުޙައްމަދަށް އިނާމު ލިބިވަޑައިގަތީ ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުންނެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިޔާ މުޢީނާ ވަނީ ޤައުމީ އަންހެން ސިންގަލްސް ޗެމްޕިއަންކަން 15 ފަހަރު ހޯދާފައެވެ. އޭގެ ތެރެއިން ޖެހިޖެހިގެން 13 ފަހަރު ވަނީ ޗެމްޕިއަންކަން ހޯދާފައެވެ. އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރިހި މެޑަލް ހޯދައިދިނުމާއި ބައިނަލްއަޤުވާމީ ގިނަ މުބާރާތްތަކެއްގައިވެސް މުޢީނާ ވަނީ ރާއްޖެ ތަމްސީލްކޮށްފައެވެ. ޓޭބަލް ޓެނިސް ކުޅުމުގެ އިތުރުން އޭނާ އަންނަނީ ކޯޗެއްގެ ގޮތުގައި ކުޅުންތެރިން ތަމްރީންކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

މުޢީނާ މުޙައްމަދަށް އިނާމު ޙަވާލުކޮށްދެއްވަނީ. ފޮޓޯ: ރައީސް އޮފީސް
މުޢީނާ މުޙައްމަދަށް އިނާމު ޙަވާލުކޮށްދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

 

ބާސްކެޓްބޯޅަ ކުޅުންތެރިޔާ މުޙައްމަދު ޒިލާލަކީ ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި ބާސްކެޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ.  ދުވަހު ނޫސް “ހަވީރު” އިން ހޮވި ރާއްޖޭގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ މަޤާމް ދެ ފަހަރު ހޯދާފައިވާ ޒިލާލު ވަނީ ވިކްޓަރީ އާއި ޓީރެކްސް، ރެޑްލައިން ކްލަބުގައި ގިނަ ކާމިޔާބީތަކެއް ޙާޞިލުކޮށްފައެވެ. އަދި ބައިނަލްއަޤުވާމީ ގިނަ މުބާރާތްތަކެއްގައި ޤައުމީ ޓީމަށް ކުޅެފައިވާ ޒިލާލަކީ ވައިޑީޕީ އާއި ސްކޫލް ޓީމުތަކަށް ކޯޗުކޮށްދީ ކުޅުންތެރިން އުފެއްދުމުގައިވެސް ބުރަކޮށް މަސައްކަތްތަކެއް ކުރަމުން އަންނަ ފަރާތެކެވެ.

މުޙައްމަދު ޒިލާލަށް އިނާމު ޙަވާލުކޮށްދެއްވަނީ. ފޮޓޯ: ރައީސް އޮފީސް
މުޙައްމަދު ޒިލާލަށް އިނާމު ޙަވާލުކޮށްދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

ދެން މި އިނާމު ލިބިވަޑައިގަތީ ސްވިމިންގ ކޯޗު ސިފައިންގޭގެ ސާޖަންޓް އަހުމަދު ޒުނޭދާއި ޓެނިސް ކޯޗު އަހުމަދު އަކްރަމަށެވެ. މީގެތެރެއިން އަކްރަމް ފާހަގަ ކުރެވެނީ ޓެނިސް އެސޯސިއޭޝަނުން ހިންގާ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ކޯޗުގެ ގޮތުގައެވެ. ޚާއްޞަކޮށް ޖޫނިއަރ ކުޅުންތެރިން ތަމްރީންކޮށް ޤައުމީ ފެންވަރުގެ މޮޅު ކުޅުންތެރިން އުފެއްދުމުގައި އޭނާ ވަނީ ފާއިތުވި އަހަރުތަކުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

އަޙްމަދު އަކްރަމަށް އިނާމު ޙަވާލުކޮށްދެއްވަނީ. ފޮޓޯ: ރައީސް އޮފީސް
އަޙްމަދު އަކްރަމަށް އިނާމު ޙަވާލުކޮށްދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

ސްވިމިން ކޯޗު ޒުނޭދަކީ ނުވަދިހައިގެ ކުރީކޮޅުން ފެށިގެން ސްވިމިންގ އިންސްޓްރަކްޓަރެއްގެ ގޮތުންނާއި ސްވިމިންގ ކޯޗެއްގެ ގޮތުގައި ޚިދުމަތްކުރަމުންނެވެ. ގިނަ ޢަދަދެއްގެ ކުދިންނަށް ފަތަން ދަސްކޮށްދީފައިވާ ސްވިމިންގ އެސޯސިއޭޝަނުގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ އިސް ކޯޗު ޖުނޭދަކީ މި މަސައްކަތުގައި އެންމެ ގިނަ ދުވަސްވީ އެއް ކޯޗުވެސް މެއެވެ.

އަހުމަދު ޒުނޭދަށް އިނާމު ޙަވާލުކޮށްދެއްވަނީ. ފޮޓޯ: ރައީސް އޮފީސް
އަހުމަދު ޒުނޭދަށް އިނާމު ޙަވާލުކޮށްދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

ޤައުމީ އިނާމް ޙާޞިލްކުރެއްވި ބޭފުޅުންނަށް އިނާމް ދެއްވީ ރައީސުލްކުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.