ގޭގައި އޮތަސް ﷲ ތިބާ ފަޟީޙަތް ކުރައްވާނެ ސަބަބު އެނގޭތަ؟

ލިޔުއްވީ: الشيخ أبو عبد الله عبد الرحيم المدني
الحمد لله رب العالمين. الصلاة والسلام على نبينا محمد وآله وصحبه أجمعين. آمين.
އިސްލާމްދީނަކީ ﷲ ސުބުޙާނަހޫ ރިވެތިވެގެންވާ އަޚުލާޤާއިގެން ފޮނުއްވި ދީނެވެ. އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވުނީ ރިވެތި ވެގެންވާ އަޚުލާޤު ފުރިހަމަކޮށްދެއްވާ ޢާލާމްތަކަށްވާ ރަޙުމަތެއްކަމުގައެވެ. އެފަދައިން ޤުރުއާނާއި ސުންނަތުގައި ޒިކުރުވެފައިވެއެވެ. އެގޮތުން ކީރިތި ޤުރުއާނާ ސުންނަތުގައި އިސްލާމްދީން ގޮވާލައްވަނީ ރިވެތި ވެގެންވާ އަޚުލާޤު ފުރިހަމަކުރުމަށެވެ. ރިވެތިވެގެންވާ އަޚުލާޤު ފުރިހަމަކުރުމުގެ ހުރިހާ ސިފައަކަށް އެދީންގޮވާލައެވެ. އެގޮތުން އެދީން އެންމެ ބޮޑަށް ބާރުއަޅާ ކަމަކީ އިޖުތިމާޢީގޮތުން އޮންނަން ޖެހޭ ގުޅުންތައް ވަރުގަދަކޮށް އަދި އިޖުތިމާޢީގޮތުން އުފެދޭނެ ފިތުނަތައް ބަންދުކުރުމަށް އެދީން ބާރުއަޅައެވެ. އެގޮތުން އެއްކަމަކީ ޣީބަ ބުނުމެވެ.
ޣީބަ ބުނުން ނުވަތަ މީހުންގެ ވާހަކަ ދެއްކުން މިއީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ނަހީކުރައްވާފައިވެއެވެ.
އެގޮތުން ޣީބަ ބުނުމަކީ މައްޔިތެއްގެ މަސް ކެއުންފަދަ ކަމެއްކަމުގައި ޤުރުއާނުގައި ޒިކުރުކުރައްވާފައިވެއެވެ.
ﷲ ވަޙީކުރައްވާފައިވެއެވެ.
(وَلا يَغْتَبْ بَعْضُكُمْ بَعْضاً أَيُحِبُّ أَحَدُكُمْ أَنْ يَأْكُلَ لَحْمَ أَخِيهِ مَيْتاً فَكَرِهْتُمُوهُ وَاتَّقُوا اللَّهَ إِنَّ اللَّهَ تَوَّابٌ رَحِيمٌ) سورة الحجرات: 12
މާނައީ: ” އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ. ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން اللَّه އަށް ތަޤުވާ ވެރިވާށެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ތައުބާ ޤަބޫލު ކުރައްވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ. ”
ޣީބަ ބުނުމަކީ ކޮބައިކަން ބަޔާންކުރައްވައި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ނަބިއްޔާގެ ކިބައިން ރިވާކުރައްވާފައިވެއެވެ.
(أن رسول الله صلى الله عليه وسلم قال : أتدرون ما الغيبة ؟ قالوا : الله ورسوله أعلم ، قال : ذِكرُك أخاك بما يكره ، قيل : أفرأيتَ إن كان في أخي ما أقول ؟ قال : إن كان فيه ما تقول فقد اغتبته ، وإن لم يكن فيه فقد بهتَّه) رواه مسلم.
މާނައީ: “ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ: “ޣީބައަކީ ކޮބައިކަން ތިބާއަށް އެނގޭ ހެއްޔެވެ؟” ޞަޙާބީ ބޭކަލުން ދެންނެވިއެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އަދި އެއިލާހުގެ ރަސޫލާއެވެ. ޙަދީޘްކުރެއްވިއެވެ. “ތިބާގެ އަޚާ ނުރުހޭ ފަދަ ބަހެއް ޒިކުރުކުރުމެވެ.” ދެން ބުނެވުނެވެ. އަހަރެން ބުނާބަސް އަހަރެންގެ އަޚާގެ ކިބައިގައި ހުރިކަމުގައި ފެންނަނީ ކިހިނެއް ހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. “އޭނާގެ ކިބައިގައި އެކަން ހުރިނަމަ ފަހެ އެބުނީ ޣީބައެވެ. އަދި އެކަންނުވާނަމަ އޭނާއާ މެދު ހަމަކަށަވަރުން ބުހުތާން ހަދައިފިއެވެ.”
އަދި ޣީބަ ބުނުމަކީ އެބުނާ މީހާ ރަނގަޅަށް އީމާން ނުވާކަމުގެ ޢަލާމަތެއްކަމާއި އަދި އެމީހާ ފަޟީޙަތްކުރެވޭ ސަބަބެއްކަމުގައި ޙަދީޘްގައި ރިވާވެފައިވެއެވެ. ޙަދީޘްގައި ރިވާވެފައިވެއެވެ.
(يا معشر من آمن بلسانه ولم يدخل الإيمان قلبه ، لا تغتابوا المسلمين ، ولا تتبعوا عوراتهم ، فإنه من يتبع عوراتهم يتبع الله عورته ومن يتبع الله عورته يفضحه في بيته)
މާނައީ: “އޭ ދުލުން އީމާންވެ އަދި އެމީހުންގެ ހިތަށް އީމާންކަން ނުވަންނަ މީސްތަކުންނޭވެ. މުސްލިމުންގެ ޣީބަ ނުބުނާށެވެ. އަދި އެބައިމީހުންގެ ޢައިބުތައް ހޯދަން ނޫޅޭށެވެ. މީހުންގެ އައިބުތައް ހޯދާ މީހާ ﷲ އެމީހެއްގެ ޢައިބުތައް ހޯއްދަވާނެއެވެ. އަދި އެމީހެއްގެ ޢައިބުތަކަށް ﷲ ހޯއްދަވައިފިމީހެއް އޭނާގެ ގޭގައި އެމީހަކު ފަޟީޙަތްކުރައްވާނެއެވެ.”
އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(كل المسلم على المسلم حرام : ماله وعرضه ودمه ، حسب امرئ من الشر أن يحقر أخاه المسلم)
މާނައީ: “ކޮންމެ މުސްލިމަކުވެސް އަނެއްމުސްލިމެއްގެ މައްޗަށްވަނީ އޭނާގެ މުދަލާއި އަދި އަބުރާއި އަދި ލޭ ޙަރާމްވެގެންނެވެ. އަދި އޭނާގެ މުސްލިމު އަޚާ ދަށްކޮށްލުމަކީ މީހަކަށް ކުރެވޭ ނުބައިކަމަކަށް ފުދެއެވެ.”
އަދި ބައެއް ސަލަފުންގެ ބޭކަލުން ވިދާޅުވެފައިވެއެވެ. ޣީބަ ބުނާ މީހާއަށް ގެއްލުންވާކަން އެނގުން ހިސާބުން ދުވަހަކަވެސް ޣީބަ ނުބުނަމެވެ.
ސަބަބަކީ ޣީބަ ބުނުމަކީ ޣީބާ ބުނާ މީހާ ފަޟީޙަތްވެ އަދި އޭނާގެ ހެޔޮކަމުން ޣީބާ ބުނެވޭ މީހާއަށް ދޭންޖެހޭކަމެކެވެ.
އަދިވެސް ވަރަށް ގިނަ ޙަދީޘްތައް މިބާބުގައި އެކަން މަނާކުރައްވައި ޒިކުރުވެފައިވެއެވެ. އަދި މިކަމުގެ ކައްފާރާ އަކީ އެކަމުން ތައުބާވެ އެމީހަކު ޣީބަ ބުނިމީހެއްގެ ފާފަ ފުއްސެވުން އެދި ދުޢާކޮށްދިނުމެވެ. ޙަސަނުލް ބަޞަރީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ” ޣީބައިގެ ކައްފާރާ އަކީ ޣީބަ ބުނެވުނު މީހާގެ ފާފަ ފުއްސެވުން އެދި ދެންނެވުމެވެ.”
ވީމާ މިފަދަ ނުބައި ޢަމަލުތަކުން ދުރުވެ ޞާލިޙު ޢަމަލުކޮށް ﷲ ރުޖޫޢަވާން ޖެހެއެވެ. އަދި ސޯޝަލްމީޑިޔާ ފަދަ ވަޞީލަތްތަކުން މިފަދަ ކަންކަން ފަސޭހައިން ކުރެވޭ ގޮތް މިވަނީ ވެފައެވެ. ވީމާ އެފަދަ ތަންތަނުގައި ﷲއާއި މެދު ބިރުވެތިވެ ދުލާއި އަތް އެފަދަ ކަންކަމުން ސަލާމަތްކުރާ ބައެއްކަމުގައި އަޅުގަނޑުމެން ލައްވާ އަޅުގަނޑުމެންގެ ފާފަ ފުއްސަވާށިއެވެ.
وصلى الله وسلم على محمد و آله وصحبه أجمعين. آمين.

އިޝްތިހާރު Below Header ad

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.