ރޯދައަށް ހުއްޓާ ފޭސްބުކުގައި ޒުވާބުކުރަން އުޅެފިއްޔާ ހަދާނީ ކިހިނެއް؟
ލިޔުއްވީ: الشيخ أبو عبد الله عبد الرحيم المدني
ރޯދަމަހަކީ ﷲއަށް ނުކައި ނުބޮއެ ހެޔޮ ޢަމަލުކޮށްގެން ރޯދަހިފުންމަތީ ދެމިތިބޭ ޢަމަލެކެވެ. އެހެން ތިބުމުގައި ބައެއް މީހުންނަކީ އަޅުކަންތަކަށް ސަމާލުކަން ނުދީ އުޅޭ މީސްތަކުންނެވެ. އަނެއްބައި މީހުންނަކީ ބަނޑުހައި ހޫނުކަމުގައި ރުޅިގަދަވެފައި ތިބޭ މީހުންނެވެ. އެބައިމީހުން މިއަދު ފޭސްބުކު ޓުވިޓަރ ފަދަ އެނޫންވެސް މީސް މީޑިޔާ ފަދަ ތަކެތި ބޭންކުރާ އިރު ދުލުން ބުނާ ބަހަކަށް ރައްކާތެރިނުވެ ޒުވާބުކުރުމުގައި ނުވަތަ ބޭކާރު ބަސްތައް ބުނުމުގައި ހޭދަކުރެއެވެ. މިކަމަކީ ރޯދައިގެ ސަވާބަށް އުނިކަން އަންނާނޭ ކަންކަމެވެ.
ސަބަބަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابَهُ) رواه البخاري.
މާނައީ: ”ދޮގު ޖާހިލު ބަސްތަކާއި ނުބައި ޢަމަލުކުރުން ދޫނުކުރާ ނަމަ (ރޯދަވެރިޔާ) ގެ ކެއުމާއި އަދި ބުއިން ދޫކޮށްލުމުގައި ﷲއަށް އެއްވެސް ޙާޖަތެއްނުވެއެވެ.“
މިޙަދީޘްގެ ޝަރަހާގައި ޢިލްމުވެރިން ވިދާޅުވަނީ ނުބައި ޢަމަލުކުރުން ދޫނުކުރާނަމަ ނުވަތަ ފާޙިޝް ބަސްތަކާއި ދޮގު ބަސްތައް ބުނުން ނުހުއްޓާނަމަ އެމީހުންގެ ރޯދަހިފުމުގެ ބޭނުމެއް ﷲ ތަޢާލާއަށް ނުވާކަމަށެވެ. އަދި އޭގެ މުރާދަކީ އެމީހުންގެ ރޯދަ ޤަބޫލުނުކުރެއްވޭނެ ކަމުގެ ވާހަކަ ކަމުގައި ބަޔާންކުރައްވާފައިވެއެވެ.
އަދި ލިޔާތަކެތި ހިމެނެނީ ޝަރުޢީ ގޮތުން ބުނާ ބަސްތަކެއްކަމުގައެވެ. ސަބަބަކީ ލިޔުމަކި ބަހުގެ މަޤާމުގައިވާ އެއްޗެކެވެ. އެހެންކަމުން މީސް މީޑިޔާގައިވެސް މިފަދައިން ލިޔާނަމަވެސް އެކަން ވެގެންދާނީ މަތީގައި ބަޔާންކުރެވިފައިވާ ކަންކަމުގެ ދަށުންނެވެ. އެމީހަކާއި އެކަންކަމާއި މެދުގައި ސުވާލުކުރެވޭނެއެވެ. އަދި އެކަމެއްގެ ސަބަބުން އެމީހެއްގެ ރޯދަ ފަސާދަވެގެން ހިނގައިދާނެއެވެ.
އެގޮތުން ކޮމެންޓު ކޮށްގެންނާއި އަދި ޓުވީޓްކޮށްގެންނާއި އެނޫންވެސް ގޮތަކުން މީހަކު ބަސްތަކެއް ތިމާއަށް ރައްދުކޮށް ޒުވާބުކުރަން އުޅެފިނަމަ ހަދާނެ ގޮތަކީ ތިމަންނަ މިހުރީ ރޯދައަށްކަމުގައި ބުނެ އެކަމަކުން ދުރުވާނީއެވެ. އެހެނީ އެއީ ޝައިތާނާގެ މަޅިތަކުގެ ތެރެއިން މަޅިއެކެވެ. އެއީ ރަނގަޅަށް ރޯދަ ހިފިޔަ ނުދިނުމަށްޓަކައެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(وَإِنْ امْرُؤٌ قَاتَلَهُ أَوْ شَاتَمَهُ فَلْيَقُلْ إِنِّي صَائِمٌ مَرَّتَيْنِ) رواه البخاري.
މާނައީ: ”އަދި މީހަކު ތިބާއަށް ލައުނަތްދީ އަދި އެއްޗެހިކިޔައިފިނަމަ ބުނާށެވެ. އަހަރެން މިހުރީ ރޯދައަށެވެ. އަހަރެން މިހުރީ ރޯދައަށެވެ.“
ވީމާ ހެޔޮގޮތުގައި ރޯދަ ހިފަން އެދޭ މީހާގެ މައްޗަށް ވަނީ މިކަންކަމުން ސަލާމަތްވެ ރައްކާތެރިވެ ﷲއަށް އިޚުލާޞްތެރިވާ ހާލު ރޯދަހިފައި މީސް މިޑިޔާގައިވެސް އަދިވެސް އެނޫންތަންތަނުގައިވެސް ﷲއަށް ބިރުވެތިވުމެވެ. އޭރުން ރޯދަ އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފިގެންދާނެ ކަމީ ޝައްކެއް އޮތްކަމެއްނޫނެވެ.
ދުޢާއަކީ އެފަދައިން ކަންތައްތައް ކުރުމުގެ ކުޅަދާނަކަން އަޅުގަނޑުމެންނަށް ދެއްވައި ހެޔޮ ޢަމަލުކުރާ ބައެއްކަމުގައި އަޅުގަނޑުމެން އެންމެން ލެއްވުމެވެ.
والله أعلم وصلى الله وسلم على نبينا محمد وآله وصحبه أجمعين. آمين.