ދިވެހިރާއްޖޭގައި އެނަރޖީ އެފިޝެންސީ ލޭބަލް އާއި ސްޓޭންޑަޑްސް ޕްރޮގްރާމެއް ތައްޔާރު ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ބާޒާރަށް އެތެރެކުރާ ކަރަންޓު ސާމާނުގެ ޓެކްނިކަލް އެނަލައިސެއް ހެދުމަށް ސީޑީއީ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފިއެވެ.
މިއީ ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތް އެ ފަރާތާއި ޙަވާލުކޮށްފައިވަނީ ތިން މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 254,646 ދިވެހި ރުފިޔާއަށެވެ. މިއެނަލިސިސް ގައި ރާއްޖޭގައި ގެންގުޅޭ 9 ބާވަތުގެ ކަރަންޓު އާލާތް ހިމަނާފައިވެއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް އެންޑް އެނަރޖީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމެންޓް އެންޑް އެނަރޖީ ޢަބްދުލް މަތީން މުޙައްމަދެވެ. ސީ.ޑީ.އީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ ސަސްޓެއިނަބަލް ޑިވެލޮމްމަންޓް ކޮންސަލްޓަންޓް މަރިޔަމް ހަނާ ސަޢީދެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމެންޓް އެންޑް އެނަރޖީ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވީ މި ދިރާސާގެ މައިގަނޑު މަޤްޞަދަކީ ކަރަންޓު ސާމާނުގެ ހަކަތަ ބޭނުންކުރާ މިންވަރާއި އެތަކެތީގެ އެފިޝެންސީ ހުރިމިންވަރު ދެނެގަތުން ކަމަށެވެ. އަދި މި ދިރާސާއިން ލިބޭ މަޢުލޫމާތުގެ ބޭނުންކޮށްގެން ދިވެހިރާއްޖޭ ގައި އެނަރޖީ އެފިޝެންސީ ލޭބަލް އާއި ސްޓޭންޑަޑްސް ޕްރޮގްރާމް ތައްޔާރުކުރެވޭނެއެވެ.
ސްޓްރެންތެނިންގ ލޯ ކާރބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢަކީ އެންވަޔަރްމެންޓު މިނިސްޓްރީ އާއި އ.ދ ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާ، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫޢެކެވެ.