ރައީސް އާއި ޔާމީން ބައްދަލުކުރަން ގާނޫނީ ހުރަސްތަކެއް އެބަހުރި: ޝަހީބް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ ސިޔާސީ ކަންކަމުގައި އުޅުއްވުމާއި ސިޔާސީ ބޭފުޅުންނާ ބައްދަލުކުރެއްވުން އެމަނިކުފާނަށް މަނާކޮށްފައި އޮތުމުން އެ ހާލަތުގައި ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭނުން ނުވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް މުއިއްޒު ވަނީ މިދިޔަ ހަފްތާއާއި މި ހަފްތާގެ ތެރޭގައި ކުރީގެ ބައެއް ރައީސުންނާއި ސިޔާސީ ޕާޓީތަކުގެ އެންމެ އިސް ބައެއް ލީޑަރުންނާ ވަކިވަކިން ބައްދަލުކުރައްވާފަ އެވެ. ނަމަވެސް ރައީސް މުއިއްޒު ރައީސް ކަމަށް އިންތިހާބުވީ ފަހުންވެސް އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުންވެސް އަދި މިހާތަނަށް ޔާމީނާ ބައްދަލުކުރައްވާފައެއް ނުވެ އެވެ.

އިޝްތިހާރު Below Header ad

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒާއި ޔާމީން ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވޭތޯ ނޫސްވެރިޔަކު ސުވާލުކުރެއްވުމުން އެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބް ވިދާޅުވީ ރައީސް ޔާމީން ހުކުމެއްގެ ތެރެއިން މިވަގުތު ގޭބަންދުގައި ބަހައްޓާފައިވަނީ ސިޔާސީ އެއްވެސް ކަމެއްގައި އުޅުން މަނާކޮށްފައި ކަމަށެވެ. އެހެންކަމުން ޔާމީނާ ބައްދަލުކުރެއްވުމަށް ރައީސް މުއިއްޒަށް ގާނޫނީ ހުރަސްތަކެއް އެބަހުރި ކަމަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް މުއިއްޒު އެންމެ ގިނައިން ވެވަޑައިގެންނެވި އެއް ވައުދަކީ ޔާމީން މިނިވަންކުރުމުގެ ވައުދެވެ. ނަމަވެސް ޔާމީން އަދިވެސް ހުންނެވީ ޖަލު ހުކުމެއްގައެވެ.

ޔާމީން މިނިވަންކުރުމުގެ ވައުދާ ގުޅޭގޮތުން ޝަހީބް ވިދާޅުވީ “މުތުލަގަށް” ރައީސް ޔާމީން މިނިވަންކުރަން ރައީސް ވައުދުވެވަޑައިގެންފައި ނެތް ކަމަށެވެ. ރައީސް ވައުދުވެވަޑައިގަތީ ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރުމަށާއި ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވުމަށް ކަމުގައި ވިދާޅުވި އެވެ. އެހެންކަމުން ޔާމީން މިނިވަންކުރުމާ ގުޅޭގޮތުން ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދަވާފައިވާ ކަމަށާއި އަދި ރައީސް ވައުދުވެވަޑައިގެންނެވި ގޮތަށް ޝަރުއީ ދާއިރާއަށް ސަރުކާރުން އެއްވެސް ވަރަކަށް ނުފޫޒު ފޯރުވަމުން ނުދާ ކަމުގައި ވިދާޅުވި އެވެ. އެހެންވެ ޔާމީން މިނިވަންކުރުމުގެ ބާރު މިހާރު އޮތީ ޝަރުއީ ދާއިރާގެ ތެރޭގައި ކަމަށްވެސް ވިދާޅުވި އެވެ.

ޔާމީނާއި ރައީސް މުއިއްޒު ސިޔާސީ ބައެއް ކަންކަމުގައި ހިޔާލުތަފާތުވެ ދެ ބޭފުޅުންގެ ގުޅުން ވަނީ ނިމުމަކަށް އައިސްފަ އެވެ. އަދި ޔާމީން ވަނީ ވެރިކަން ކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ރައީސް ކަމުގައި ހުންނެވުމަށްފަހު އެ ޕާޓީން ވަކިވެވަޑައިގެން ޕީއެންއެފްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.