ރާއްޖެއަށް ހިޖުރަކުރާ ދޫނިތައް ހިފާ ފަރާތްތައް ރިޕޯޓްކޮށްދިނުމަށް އެދިއްޖެ
މި ދުވަސްވަރަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން ވަރަށް ގިނަ ބާވަތްތަކުގެ ދޫނި ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރަކަށްވުމުން ހިމާޔަތް ކުރެވިފައިވާ ދޫނިތައް ހިފާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދީފި އެވެ.
އީޕީއޭއިން ބުނީ މި ދުވަސްވަރަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން ދޫނި ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރަކަށްވުމުން މިގޮތަށް ހިޖުރަކުރާ ދޫންޏަކީ “ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު” (ޤާނޫނު ނަންބަރު:4/93) ގެ ދަށުން ހެދިފައިވާ”ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުފައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު” (ގަވާއިދު ނަންބަރު: 2021/R-25) ގެ ދަށުން ހިމާޔަތްކުރެވިފާ ދޫނިތަކެއް ކަމަށެވެ.
ދިވެހިރާއްޖެއިން ފެންނަ ގިނަ ބާވަތްތަކުގެ ދޫންޏަކީ މިގޮތައް މޫސުމާއި ގުޅިގެން ހިޖުރަކުރާ ބާވަތުގެ ދޫނިތައް ކަމަށާއި، މިފަދަ ދޫނިތައް ރައްކާތެރިކުރުމަކީ ދިވެހިރާއްޖޭޙެ ދިރުންތަކުގެ ސިންދަފާތު ނުވަތަ ގުދުރަތީ ވެށީގެ މުއްސަނދިކަން ރައްކާތެރިކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށް އީޕީއޭއިން ބުނެއެވެ.
އެހެން ނަމަވެސް ކޮންމެ އަހަރަކު މިދުވަސްވަރުގައި ވަރަށް ގިނަ ފަރާތްތަކުން މިފަދަ ދޫނި ހިފާ، ހައްޔަރުކޮށް ދޫންޏަށް ގޯނާކުރަމުންދާތީ އީޕީއޭއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ގަވާއިދާ ހިލާފަށް މިފަދަ ދޫނިތައް ހިފާ ގެންގުޅޭ ފަރާތެއް އެނގިލައްވާނަމަ ލަސްނުކޮށް އީޕީއޭގެ ހޮޓްލައިން 7980379 ނުވަތަ [email protected] އަށް އެމައުލޫމާތެއް ހިއްސާ ކުރެއްވުމަށް އީޕީއޭއިން ވަނީ އެދިލައްވާފައެވެ. އެފަދަ ފަރާތްތައް ޖޫރިމަނާކުރުމުގެ ބާރު އީޕީއޭއަށޤ ލިބިގެންވެއެވެ.
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތައް ތަންފީޒުކުރުމަށް ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުން ދެއްވުމަށް އީޕީއޭއިން ވަނީ އެދިލައްވާފައެވެ.