
ފަލަސްތީނަށް ނަސްރު އެދި ހުރިހާ މިސްކިތެއްގައި ދުއާކުރަން އަންގައިފި
ފަލަސްތީނުގެ މުސްލިމު އަޚުންނާ އުޚްތުންނަށް ނަސްރު ދެއްވުން އެދި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޤުނޫތު ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ އިޒްރޭލުގެ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި ކުރިމަތިވަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްކޮށްދެއްވައި އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން އެދި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޤުނޫތު ނާޒިލާ ކިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޤުނޫތު ނާޒިލާ ކިޔާނީ އަޑު ހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހު ރަކުއަތުގައި އިއުތިދާލުގައި ކަމަށްވެސް ސާކިއުލާގައިވެ އެެވެ. ކިޔަންވީ ޤުނޫތު ނާޒިލާވެސް ސާކިއުލާގައި ހިމަނާފައިވެ އެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ފަލަސްތީނުގެ މުޖާހިދުން ދަނީ އިސްރާއީލަށް މެދުކެނޑުމެއް ނެތި ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެމީހުން ހަމަލާދޭން ފެށީ އިސްރާއީލުން ފަލަސްތީނު ރައްޔިތުންނަށް އަނިޔާ ކުރުމާއި އަލް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލާފައިވާތީއެވެ.
ފަލަސްތީނުގެ ޣައްޒާ އިން ދެމުން އަންނަ ހަމަލާތަކާ ގުޅިގެން އިސްރާއީލުން ވައިގެ މަގުން ބޮން އަޅައި ފަލަސްތީނުގެ ގިނަ ބަޔަކު ދަނީ ޝަހީދު ކުރަމުންނެވެ.