އޮރިޔާމުން ތިބޭ މީހުންނަށް އުޅެވޭކަމަށް ވެއްޖިއްޔާ މޫނު ނިވާކޮށްގެން ތިބޭ މީހުންނަށްވެސް އުޅެވެން ޖެހޭނެ: މޮސްޓާ

ދިވެހިރާއްޖެއަކީ އިސްލާމީ ގައުމެއް ކަމަށާ، އިސްލާމީ ގައުމެއްގައި، އިސްލާމްދީން ކިޔަވައިގެން ތިއްބެވި ބޭފުޅުންނަށް ސަރުކާރުގެ މަގާމުތައް ލިބިދާނެތީ ބަޔަކު އެހާ ބިރުން އުޅެނީ ކީއްވެތޯ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ސުވާލުކުރައްވައިފިއެވެ.

ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ޑރ. މުހައްމަދު މުޢިއްޒު ވާދަކުރައްވާ ކަން އިއުލާން ކުރެއްވި ދުވަހުން ފެށިގެން، އެމްޑީޕީގެ އިސްފަރާތްތަކުން އަންނަނީ ޑރ. މުޢިއްޒާއި ދިވެހިރާއްޖޭގައި ދީނީ ދައުވަތު ފެތުރުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމަށްވާ، ޖަމިއްޔަތުއްސަލަފާ ގުޅުވައި، ތަފާތު ވާހަކަތައް ފަތުރަމުންނެވެ. އެގޮތުން މުޢިއްޒުގެ ވެރިކަމެއްގައި ރާއްޖެ ބަޣުދާދަށް ވެދާނެ ކަމަށާ، އެޑިއުކޭޝަން މިނިސްޓްރީވެސް އޭރުން ހިންގަވާނީ ސަލަފްގެ ބޭފުޅުންކަމަށް އެމްޑީޕީން އަންނަނީ ބުނަމުންނެވެ. އެވާހަކަތައް ރައްޔިތުންގެ މަޖިލީހުގައި ވެސް އެމްޑީޕީ މެންބަރުން އަންނަނީ ދައްކަވަމުންނެވެ.

އިޝްތިހާރު Below Header ad

އެކަމަށް ރައްދު ދެއްވައި، މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މޮސްޓާ ވިދާޅުވީ، ޖަމިއްޔަތުއްސަލަފަކީ ރާއްޖޭގެ ޖަމިއްޔާ ތަކުގެ ތެރޭގައި ރެޖިސްޓާރ ވެފައިވާ ޖަމިއްޔާ އެއް ކަމަށާ، ރާއްޖޭގެ އެއްވެސް ތަނަކުން ޖަމިއްޔަތުއްސަލަފަކީ ޓެރަރިސްޓުން ކަން ކަނޑައަޅާފައި ނުވާ ކަމަށެވެ.

ކަންމިހެން ހުރިއިރު، އެމްޑީޕީ މެންބަރުން އަބަދާއި އަބަދު ޖަމިއްޔަތުއްސަލަފުގެ ވާހަކަ ދައްކަވަނީ ކީއްވެތޯ އާއި، މުޢިއްޒުގެ ވެރިކަމެއްގައި އެ ޖަމިއްޔާގެ ބޭފުޅަކަށް އިސްލާމިކް މިނިސްޓްރީ ދެއްވައިފިނަމަ ވާނެ ގެއްލުމަކީ ކޮބައިތޯ މޮސްޓާ ވަނީ ސުވާލުކުރައްވާފައެވެ.

ކިޔަވައިގެން ތިބި ރަނގަޅު ބޭފުޅުން އޭގައި ތިބީ. ޑރ. ޢަލީ ޒާހިރު މެން ކަހަލަ. މިތާ ތިބޭ ލާދީނީ މީހުންނަށް. މި ގައުމުގައި ތިބޭ ލާދީނީ މީހުންނަށް، މަތީ މަގާމުތައް ލިބެންޏާ، ދިވެހިރާއްޖެ އަކީ އިސްލާމީ ގައުމެއް. އިސްލާމީ ގައުމެއްގައި އިސްލާމްދީން ކިޔަވައިގެން ތިބި ބަޔަކަށް މަތީ މަގާމެއް ލިބިދާނެތީ މިހާ ބިރުން ކޮންކަމަކާތޯ މިއުޅެނީ. ދިވެހިރާއްޖޭގައި އިސްލާމްދީން އޮވެދާނެތީތޯ މިމީހުން މިއުޅެނީ.

މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ)

ހަމަ ކޮންމެ ދުވަހަކު އަބަދާ އަބަދު ސަލަފު ސަލަފު. އެނޫން ނަމެއް ނެތީތޯ ދުލު ކުރީގައި. އަބަދާއި އަބަދު އެޔަކުން ނެއްޓެން ނޭނގިގެން މިއުޅެނީ މިތާނގައި. އެމީހުން އަޔަސް މިތަނުގައި އޮންނާނީ އިސްލާމްދީން. އެހެން ކަމެއް ނުވާނެ. ބަދަލެއް ނުވާނެ. އާ ލާދީނީ މީހުންނަށް ފުރުސަތު ކުޑަވެދާނެ މިތާނގައި. ލާދީނީ މީހުން ދީނަށް ފުރައްސާރަ ކޮށް، ބޭނުންހާ އެއްޗެއް ކިޔަން އެ ފުރުސަތު ނުލިބިދާނެތީ އެކަމާ ބިރުން އުޅޭ ބައެއް މިތާ މިއުޅެނީ.

މޮސްޓާ ވިދާޅުވި އެވެ.

މޮސްޓާ ވިދާޅުވީ، ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ލިބިގެންވާ ހުރިހާ ހައްގެއް ސަލަފުގެ ކޮންމެ މެމްބަރަކަށް ލިބިގެންވާންޖެހޭނެ ކަމަށާ، އެ ބޭފުޅުންނަކީވެސް އެހެން ރައްޔިތުން ފަދައިން ޓެކްސް ދައްކައިގެން އުޅޭ ބައެއް ކަމަށެވެ. އަދި ދީން ކިޔަވައިގެން ތިބީ މީހުނަށްވެސް ބާރުވެރި މަގާމުތައް ލިބެން ޖެހޭނެ ކަމަށާ، ވަކި ވައްތަރެއްގެ ހެދުމެއް އެޅުމުން ނުވަތަ، ވަކި ގޮތަކަށް ތިބުމުން ފުރުސަތު ތައް ހަނިކުރެވިގެން ނުވާނެ ކަމަށް މޮސްޓާ ވިދާޅުވި އެވެ.

އޮރިޔާމުން ތިބޭ މީހުންނަށް އުޅެވޭކަމަށް ވެއްޖިއްޔާ އައުރަ ނިވާކޮށްގެން، މޫނު ނިވާކޮށްގެން ތިބޭ މީހުންނަށްވެސް އުޅެވެން ޖެހޭނެ ރަނގަޅަށް އެބަޔަކު ބޭނުންވާ ވަޒީފާއެއްގަ، އެވަޒީފާއެެއް އަދާކޮށްގެން.

މޮސްޓާ އިތުރަށް ވިދާޅުވިއެވެ.

މިއާއެކު މޮސްޓާ ވަނީ އަބަދު މި ގައުމު ކަންދަހާރަށް ވެދާނެތީ ވާހަކަ ދައްކަވާއިރު، މި ގައުމު ސަދޫމަށް ނޫނީ ހަށި ވިއްކާ ބެންކޮކް ފަދަ ތަނަކަށް ރާއްޖެވުން ރަނގަޅުތޯ ސުވާލު ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.