ވާދަވެރިންނަށް ރައްދު ދޭނީ ވޯޓު ފޮށިން: އަދުރޭ
ޕީއެންސީއަކީ ކުޑަ ޕާޓީއެއް ކަމަށް ބުނެ ވާދަވެރިން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދޭނީ ވޯޓު ފޮށިން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒު އައްޑޫ ސިޓީ އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މަރަދޫގެ ޖަހަގަ ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ މުއިއްޒަކީ ކުޑަ ޕާޓީއަކުން ނިކުމެ ހުންނެވި ބޭފުޅެއް ކަމަށް ވާދަވެރިން ބުދަމުންދާ ކަމަށް އަދުރޭ ވިދާޅުވިއެވެ. އެހެން އެ ބޭފުޅުން އެ ވިދާޅުވަނީ ޕީއެންސީއަކީ ކޮން އެއްޗެއްކަން ނޭނގޭތީ ކަމަށް ވިދާޅުވިއެވެ.
“ ޕީޕީއެމްއަކީ ޕީއެންސީ. ޕީއެންސީއަކީ ޕީޕީއެމް. މި ދެ ޕާޓީއަކީ ރައީސް ޔާމީން. އެހެންވީމަ ޕީއެންސީއިން ނިކުތަސް ޕީޕީއެމްއިން ނިކުތަސް އެ ނިކުންނަކީ ޔާމީންގެ ކެންޑިޑޭޓުން. އެގޮތައް ޖަވާބުދިނީމަ އެ ބޭފުޅުން ކުރައްވާ ސުވާލުގެ ޖަވާބު ދެވުނީ އެ.“ އަދުރޭ
އަދުރޭ ވިދާޅުވީ ވާދަވެރިން ބުނަމުންދާ ވާހަކަތަކަށް އިދިކޮޅު ރައްދުދޭނީ ވޯޓު ފޮށިން ކަމަށެވެ. ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ އިންތިހާބުގައި ފިކުރެއް ހިޔާލެއްނެތި ކެންޑިޑޭޓް ނަންބަރު ހަތަރަކަށް ވޯޓު ދިނުން އެދިވަޑައިގެންނެވިއެވެ. އަދުރޭ ވިދާޅުވީ އެ ވޯޓު ވާނީ މުސްތަގްބަލަށްޓަކައި ދެވޭ ވޯޓަކަށް ކަމަށެވެ.