
ތަރައްގީގެ އެއްވެސް މަސައްކަތެއް ހުއްޓައެއް ނުލާނަން: މުއިއްޒު
ރިޔާސީ އިންތިހާބު ކާމިޔާބުވިޔަސް، މި ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ އެއްވެސް މަސައްކަތެއް ހުއްޓާނުލާނެ ކަމަށް، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ފުރަތަމަ އަތޮޅެއްގެ ގޮތުން، އުތުރަށް ފެއްޓެވި ދަތުރުގައި ހދ. ހަނިމާދޫގައި ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ރަށަކަށް އަންނަ އެއްވެސް ތަރައްގީއެއް އަދި މިހާރު ހިނގަމުންދާ އެއްވެސް މަސައްކަތެއް ހުއްޓާލުމަކީ ތަރައްގީގެ ފިކުރުގައި ކުރާނެ ކަންކަމެއް ނޫން ކަމަށެވެ.
މުއިއްޒު ވިދާޅުވީ އިންޓަނޭޝަނަލް ފެންވަރަށް ހަނިމާދޫގެ އެއާޕޯޓު ބޮޑުކުރުމުގެ މަސައްކަތް ފެށިއަސް، އެކަން ކުރަމުންދަނީ މި ސަރުކާރުގެ އެހެން މަޝްރޫއުތައް ކުރިއަށްދާ ގޮތަށް ލަހުން ކަމަށެވެ.
ނަމަވެސް، އެންމެން މަސައްކަތްކޮށްގެން ހަނިމާދުއަށް ބޭނުންވާ ތަރައްގީ ގެނެވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އޭނާ އިންތިހާބުކޮށްފި ނަމަ، މިހާރަށް ވުރެ ރަނގަޅަށް މަޝްރޫއު ކުރިއަށްގެންދާނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ.
އުތުރަށް ފެއްޓެވި ކެމްޕޭން ދަތުރުގައި މުއިއްޒާ އެކު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.