ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ހަށިކޮޅުން އައީ މާމުއި – ސިޔާމް
ދުނިޔެއަށް ކުރިމަތި ވެގެން ދިޔަ، ކޮވިޑް-19 ގެ ޕެންޑެމިކްގެ ސަބަބުން، ޤައުމު ފިތިގެން ދިޔައިރު ވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ހަށިކޮޅުން އައީ މާމުއި ކަމަށް އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސިޔާމް މިހެން ވިދާޅުވީ، ފުވައްމުލައް ސިޓީގައި ރޭ ”އަމާން ރާއްޖެ“ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
”އަޅުގަނޑުމެން ފިތިގެން ދިޔަ ވަގުތު ރައީސުލްޖުމްހޫރިއްޔާ ފިތިގެން ދިޔައީ. ފިތިގެން ދިޔަ ވަގުތު އެމަނިކުފާނު ގައިން އައީ ކޮން އެއްޗެއްތޯ؟ މާމުއި. މީހުންނަށް ދެއްކޭނެ، އުފާވާނެ، ކަރަށް ރަހަ ލާނެ ރީތި މާމުއި އެނގޭތޯ. މިއީ ކޮންމެހެން ދޮގު ހަދައިގެން ދައްކާ ވާހަކައެއް ނޫން. މިއީ ހަގީގީ ވާހަކަ،“ ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ، ކޮވިޑްގެ ދަތި ހާލަތުގައި ވެސް ޓޫރިޒަމް ދާއިރާގެ އެތައް ބަޔަކަށް އެހީތެރިކަން ފޯރުކޮށް ދެވުނީ ސަރުކާރުގެ ވިސްނުން ހުރި ގޮތުން ކަމަށެވެ. އެހެން ނޫންނަމަ ފަތުރުވެރިކަން މިއަދު ރާއްޖޭގައި ނޯންނާނެ ކަމަށެވެ. އެގޮތުން އިންކަމް ސަޕޯޓުގެ ގޮތުގައި 400 މިލިއަން ރުފިޔާ އެތައް ބަޔަކަށް ބެހިކަން ފާހަގަކުރެއްވިއެވެ.