ރައީސް ޔާމީންގެ ރަނިންމޭޓަކަށް އަނެއްކާ ވެސް ޑރ. ޖަމީލް
ޕީ.ޕީ.އެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިންމޭޓަކަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ހަމަޖައްސަވައިފިއެވެ.
ޕީޕީއެމް-ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވަނީ އެ މަގާމަށް ޖަމީލް ހަމަޖައްސަވާފައިވާކަން ކަށަވަރުކޮށްދެއްވާފަ އެވެ.
ޑރ. ޖަމީލަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ރައީސް ޔާމީންގެ ރަނިންމޭޓުކަން ކުރެއްވި، އަދި އިންތިހާބު ކާމިޔާބުކުރައްވައި ނައިބު ރައީސްކަން ވެސް ކުރެއްވި ފަރާތެކެވެ. ނަމަވެސް ފަހުން، ޑރ. ޖަމީލާ ހިޔާލު ތަފާތުވެ، ރައީސް ޔާމީން ވަނީ ޑރ. ޖަމީލްގެ އިތުބާރު ނެތް ކަމަށް މަޖިލީހުގައި ވޯޓު ނަގައި، މަގާމުން ދުރުކޮށްފައެވެ.
އޭރު ޕީޕީއެމްގެ މަޖިލިސް މެމްބަރުން، ޑރ. ޖަމީލް ނައިބުރައީސްގެ މަގާމުން ވަކިކުރެއްވީ، އޭނާގެ އިހުލާސްތެރިކަމެއް ނެތްކަމަށާއި، ވެރިކަމަށް ވަޑައިގަތުމަށް އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ތުހުމަތުކުރައްވައެވެ.
ނައިބުރައީސް ކަމުން ވަކިކުރެއްވުން ސިފަކުރައްވައި ޑރ. ޖަމީލް ވިދާޅުވީ، އެއީ ޤާނޫނީ ބަގާވާތެއް ކަމަށެވެ. އަދި އެއީ، އޭރު ޓުއަރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވުމަށްފަހު ފަހުން ނައިބުރައީސަކަށް އައްޔަނުކުރެއްވުނު އަހްމަދު އަދީބް އަބްދުލްޤަފޫރު ނައިބުރައީސްކަމަށް ގެނައުމަށް ކުރެއްވި ކަމެއްކަމަށް ޑރ. ޖަމީލް ސިފަކުރެއްވިއެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް / ޕީއެންސީ ކޯލިޝަން ތަމްސީލުކުރުމުގެ ޓިކެޓު ރައީސް ޔާމީނާ ހަވާލުކޮށްފައިވާއިރު، ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމް، ހައިކޯޓުން ބާތިލު ނުކުރާހާ ހިނދަކު އިލެކްޝަންސް ކޮމިޝަނުން ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ބަލައި ނުގަންނާނެކަމަށް އެ ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ވަނީ ވިދާޅުވެފައެވެ.