ދިވެއްސަކު ހިމަބިއްސަށް ޕޮޒިޓިވްވެއްޖެ
މާލެ ސަރަޙައްދުން ދިވެއްސަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.
މިކޭސްއާއި ގުޅިގެން ބެލިބެލުމުން މީމީހާއަށް ހިމަބިހި ޖެހިފައިވަނީ ރާއްޖެއިން ބޭރުންކަން އެނގިފައިވާ ކަމަށް އެޗްޕީއޭއިން ހާމަކުރައްވައެވެ.
ހިމަބިހި ޖެހުނު މީހާގެ ހާލަތު ހުރި ގޮތުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށާއި އެމީހާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް އެއެޖެންސީން ވިދާޅުވެއެވެ. އެޗްޕީއޭއިން ހާމަކުރެއްވި ގޮތުގައި މިމީހާއަކީ މީސްލްސް ވެކްސިންގެ ދެ ޑޯޒްވެސް ފުރިހަމަކޮށްފައިވާ މީހެކެވެ.
ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔަކަށްވުމާއެކު މިބަލީގެ ކޭސްއެއް ފެނުމުން އަމަލުކުރަން ކަނޑއެޅިފައިވާ އުސޫލްތަކުގެ މަތިން ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތްވަނީ ފަށްޓަވާފައެވެ. އެގޮތުން ބައެއް ކޮންޓެކްޓުންނަށް އެކަން އަންގައި އޭގެ ތެރެއިން ވެކްސިން ފުރިހަމަނުވާ ފަރާތްތަކަށް ވެކްސިން ދިނުން ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.