
ޔާމީންގެ އިންތިޚާބީ ޙައްޤުތައް ގެއްލޭ ކަމަށް ބުނެ، ސުޕްރީމް ކޯޓަށް
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް، ޕީޕީއެމްގެ ރައީސް ޔާމީންގެ އިންތިހާބީ ހައްގުތައް ގެއްލޭ ކަމަށް ބުނެ، ސުޕްރީމް ކޯޓަށް މިރޭ މައްސަލަ ހުށަހަޅުއްވައިފިއެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލަ ހުށަހެޅުއްވީ ޔާމީންގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ޔާމީންގެ އަސާސީ ހައްގުތަކާއި އިންތިހާބީ ހައްގުތައް ހުރަސް އެޅިފައިވާތީ ކަމަށެވެ.
ޔާމީންގެ ފަރާތްޕުޅުން ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ވެއްދިއިރު އެމަނިކުފާނު އިންތިހާބުގައި ވާދަކުރެއްވުމުގެ ފޯމު ހުށަހެޅުމުގެ މަސައްކަތް ޕާޓީން އަންނަނީ ކުރަމުންނެވެ.