ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ޓެންބަރު 9 ވާ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
އެ ކޮމިޝަނުން ކުރި އިއުލާނުގައި ބުނެފައިވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި 23 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ން ފެށިގެން އޮގަސްޓު 7 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށެވެ.
މިގޮތުން ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، އެކަމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ އިންތިހާބާބެހޭ މަރުކަޒު (ދަރުބާރުގެ) އަށް ކަމަށް އެ އިއުލާނުގައި ވެއެވެ.
އަދި ފޯމްތައް ބަލައިގަންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 ން މެންދުރުފަހު 2:00 އަށް ކަމަށްވެސް އެ އިއުލާނުގައި ވެއެވެ. ހުކުރު ދުވަހުގައި ފޯމު ބަލައިގަންނާނީ މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށްް ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާ ބޭފުޅުން އިދާރީ ފީގެ ގޮތުގައި އެއް ލައްކަ ރުފިޔާ ދައްކަންޖެހެ އެވެ. އަދި ރިޔާސީ އިންތިހާބަށް އަމިއްލަ ގޮތުން ކުރިމަތިލައްވާ ބޭފުޅުން އުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 1،500 މީހުން އެމީހަކަށް ތާއީދުކުރާކަން އަންގައިދޭ ލިޔުން ހުށަހަޅަންޖެހެ އެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާނުކުރައްވާފައިވަނީ އެމްޑީޕީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އާއި ޖުމްހޫރީ ޕާޓީގެ ފަރާތުން ގާސިމު އިބްރާހީމް އާއި އެމްއެންޕީގެ ފަރާތުން މުހައްމަދު ނާޒިމު އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާއި ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރެވެ. ދަ ޑިމޮކްރެޓްސްއިން ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބު ވަނީ އިއުލާނުކުރައްވާފަ އެވެ. އަދި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ޓިކެޓު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދީފަ އެވެ. އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާތީ މަތީ މަރުހަލާގެ ކޯޓަކުން އެ ހުކުމް ބާތިލު ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް އިންތިހާބަކު ވާދައެއް ނުކުރެއްވޭނެ އެވެ.