ތަޢުލީމީ ދާއިރާގެ އިންސާނީ ވަޞީލަތްތަކާއި ޢުމްރާނީ ވަޞީލަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ: ރައީސް

ތަޢުލީމީ ދާއިރާގެ އިންސާނީ ވަޞީލަތްތަކާއި ޢުމްރާނީ ވަޞީލަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ 2021 – 2022 ވަނަ އަހަރު ސާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ޙާޞިލުކުރި ދަރިވަރުންނަށް “މަތީ އަރުތަވެރިންގެ އިނާމު” ދިނުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސާނަވީ އަދި މަތީ ތަޢުލީމަށް ކުރިމަތިލާ ދަރިވަރުން، އެދަރިވަރުންގެ ޤާބިލުކަމާ އެންމެ އެކަށޭނަ ރޮނގަކުން ދެވެން އޮތް އެންމެ މައްޗަކަށް ދިއުމަށް އަމާޒުހިފުމަށް ވެސް ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދަރިވަރުންގެ ކިބައިގައި ހުރި ހުނަރުވެރިކަން އިތުރަށް ތަރައްޤީކޮށް، ޤައުމީ ޚިދުމަތަށް ނުކުތުމަކީ، ކޮންމެ ދަރިވަރެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ތަޢުލީމީ ގޮތުން ކިތަންމެ މައްޗަކަށް ދަތުރުކުރަން ބޭނުންވިޔަސް، އެ ފުރުޞަތު ކޮންމެ ދަރިވަރަކަށްވެސް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް، މިހާރު ފަހިވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޤައުމު ތަރައްޤީކޮށް ހެޔޮލަފާ ރަނގަޅު ޖީލެއް ބިނާކުރެވޭނީ، ޒަމާނީ ތަޢުލީމާއި ތަރުބަވީ އަޚްލާޤުގެ މާޙައުލަކަށް ސްކޫލްތައް ހަދައިގެންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުލީމީ ދާއިރާގެ ޢުމްރާނީ ތަރައްޤީއާ ވަޞީލަތްތަކާއި އަދި އިންސާނީ ވަޞީލަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ފުރިހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރިޔަށްދާކަން ފާހަގަކުރައްވާފައެވެ.
ހަމަ އެހެންމެ، ސްކޫލްތަކުގެ ކިޔެވުން ހަރުދަނާކުރުމަށް ސްކޫލްތަކުގެ ރިވިއު އެނަލިސިސްއެއް ހަދައި އޭގެ ތެރެއިން އެންމެ އެހީތެރިކަން ބޭނުންވާ ސްކޫލްތަކަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެމުން އަންނަ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުގެ ވަކިވަކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ނަތީޖާ ހޯދި ދަރިވަރުންނަށާއި އަދި ސާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން 1 ވަނަ ހޯދި ދަރިވަރުންނަށް ޓޮރޮފީއާ ހަނދާނީ ލިއުން، މި ރަސްމިއްޔާތުގައި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ސާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރެއިން 2 ވަނަ ހޯދި ދަރިވަރުންނާއި އެކިއެކި މާއްދާތަކުން މުޅި ދުނިޔެއިން 2 ވަނައިން 10 ވަނަ އާ ދެމެދުގެ ވަނަތައް ހޯދި ދަރިވަރުންނަށް ޓޮރޮފީއާ ހަނދާނީ ލިއުން، ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ. އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރެއިން 3 ވަނަ ހޯދި ދަރިވަރުންނަށް ޓޮރޮފީއާ ހަނދާނީ ލިއުން، ހަވާލުކޮށްދެއްވީ ނައިބު ރައީސްއެވެ.
މިދިޔަ ދިރާސީ އަހަރު ސާނަވީ އިމްތިޙާން ފުރިހަމަކުރި 6360 ދަރިވަރުންގެ ތެރެއިން، 844 ދަރިވަރުން އެންމެ ރަނގަޅު 10 ވަނައިގެ ތެރޭގައި ހިމެނެއެވެ. އަދި މީގެ ތެރޭގައި ސާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން މުޅި ދުނިޔޭގެ އެންމެ ގަދަ 10 ވަނައިގައި ހިމެނުނު 11 ދަރިވަރަކާއި، ހައި އެޗީވްމެންޓް ޙާޞިލުކުރި 6 ދަރިވަރަކު ހިމެނެއެވެ.

އިޝްތިހާރު Below Header ad

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.