ރަސޫލާ ﷺ މުޢާމަލާތް ކުރެއްވިގޮތަށް ޢަމަލުކުރާނަމަ، މުޖުތަމަޢުގައި ހުރި މައްސަލަތައް ނެތިދާނެ

ރަސޫލާ ﷺ މުޢާމަލާތުކުރެއްވި ގޮތް އުނގެނި ޢަމަލު ކުރާނަމަ މި މުޖުތަމަޢުގައި ހުރި ހުރިހާ މައްސަލަތަކެއް ނެތި ހިނގައިދާނެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް މުޙައްމަދު އަނީލް ވިދާޅުވެއްޖެއެވެ.

ސްޓޭޓް މިނިސްޓަރ މިހެން ވިދާޅުވީ ”އެންމެ ހެޔޮ އިންސާނާގެ އިޖުތިމާޢީ މުޢާމަލާތްތައް” މި މައުޟޫޢަށް އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ.

އިޝްތިހާރު Below Header ad

އިސްލާމީ މަރުކަޒުގެ ހޯލްގައި ކުރިއަށް ގެންދިޔަ މި ފޯރަމްގައި ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް މުޙައްމަދު އަނީލްގެ އިތުރުން އައްޝައިޚް ނިމާލް މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ސްޓޭޓް މިނިސްޓަރ އަނީލްގެ ވާހަކަފުޅު ފައްޓަވާފައިވަނީ ރަސޫލާ ﷺގެ ޙަޔާތްޕުޅުގައި ދިމާވި ދަތި އުނދަގޫތަކަށް ބައްލަވައި އެފަދައިން ކަންކަން ދިމާވިއިރުވެސް އެކަލޭގެފާނު އެ މުޖުތަމައުގައިވާ ފަރާތްތަކާ މުޢާމަލާތުކުރެއްވި މަތިވެރި ގޮތްތައް ތަފްސީލްކޮށް ދެއްވަމުންނެވެ. އެގޮތުން ދީނަށް ގޮވައިލައްވަން ފެއްޓެވުމާއިއެކު އެކަލޭގެފާނަށް ކުރިމަތިވި ދުއްތުރާތަކާއި އަނިޔާތަކަށް ބައްލަވައި އެހުރިހާ ކަމެއް ހިނގިއިރުވެސް އެކަލޭގެފާނު މުޢާމަލާތުކުރެއްވި ނަމޫނާއަކީ މިއަދުގެ ޖީލު އެކަންކަން ދިރާސާކޮށް އުނގެނި އަދި ދަސްކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވައި، އެކަލޭގެފާނު މުޢާމަލާތުކުރެއްވި ގޮތަށް މި މުޖުތަމައުގެ ފަރުދުން މުޢާމަލާތުކުރާނަމަ މި މުޖުތަމަޢުގައި މިހުރި ހުރިހާ މައްސަލަތަކެއް ނެތި ހިނގައިދާނެކަމަށް ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ވަނީ ރަސޫލާ ﷺގެ ޙަޔާތްޕުޅުގައި، އެ މުޖުތަމައުގެ ވަކިވަކި ފަރުދުންނާމެދު ރަސޫލާ ﷺ މުޢާމަލާތު ކުރެއްވި ގޮތަށް ބައްލަވައި، ޚާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު އެކަލޭގެފާނު މުޢާމަލާތުކުރެއްވި ގޮތާއި، ފަޤީރުންނާމެދު މުޢާމަލާތުކުރެއްވި ގޮތަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ. އަދި އެކަލޭގެފާނުގެ ސީރަތު ދިރާސާކޮށް އެކަލޭގެފާނު މުޢާމަލާތުކުރެއްވިގޮތް ބެއްލެވުމަށް ފޯރަމްގެ ބައިވެރިންނަށް އިލްތިމާސް ކުރެއްވިއެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް ނިމާލް މުޙައްމަދު ވަނީ ރަސޫލާ ﷺގެ ޙަޔާތްޕުޅުގައި ދިމާވި ތަފާތު ހާދިސާތަކަށް ބައްލަވައި އެކަލޭގެފާނު ދެއްކެވި ނަމޫނާތަކަށް ވަރަށް ފުރިހަމައަށް ބައްލަވާލައްވާފައެވެ.

އޭރު އެ މުޖުތަމަޢާއި މިހާރު އަޅުގަނޑުމެން އުޅެމުން މިދާ މުޖުތަމަޢަށް ބައްލަވައި ރަސޫލާ ﷺ މުޢާމަލާތު ކުރެއްވި ރިވެތި ގޮތްތައް އަޅުގަނޑުމެންނަށް މުހިންމުވާ ސަބަބުތަކަށް ބައްލަވާލައްވާފައެވެ. އަދި އެކަލޭގެފާނުންގެ އަނބިއަނބިކަނބަލުންނާމެދު ކަންކަން ކުރެއްވި ގޮތާއި މުޢާމަލާތުކުރެއްވި ގޮތްތަކަށް ބައްލަވައި މިއަދު އެކަލޭގެފާނުގެ ނަމޫނާގައި އަޅުގަނޑުމެން ތިބިނަމަ މި މުޖުތަމައުގައި ގިނަވެފައިވާ ވަރި، މަދުވާނެކަމާއި ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތަކަށް ޙައްލު އަންނާނެކަން ފާހަގަކުރެއްވިއެވެ.

ރަސޫލާ ﷺގެ ހަދީޘަށް ބައްލަވަމުން ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ ތިޔަބައިމީހުންގެ އަނބިންނަށް، އަންހެނުންނަށް އެންމެ ހެޔޮ މީހާކަން ފާހަގަކުރައްވައި، އެކަލޭގެފާނު އަނބިއަނބިކަނބަލުންނާއެކު ވަގުތު ހޭދަކުރެއްވިގޮތާއި، ހިތާމައެއް ދިމާވުމުން އެކަލޭގެފާނު އަނބިއަނބިކަނބަލުންނަށް އޯގާތެރިވެވަޑައިގެންނެވި ގޮތަށް ބައްލަވާ ލެއްވިއެވެ. އަދި ގާތްތިމާގެ މީހުންނާއި އަވައްޓެރިންނާއި ޣައިރު މުސްލިމުންނާމެދު ޢަމަލު ކުރެއްވި ގޮތާއި މުޢާމަލާތުކުރެއްވި ގޮތްވެސް މިސާލާއިއެކު ތަފްސީލުކޮށްދެއްވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.