
”ބަޣާވާތުގެ ވެރިން“ ދަންޖެއްސުމަށް މެމްބަރު ނާޒިލް ގޮވާލައްވައިފި
ފެބްރުއަރީ 7، 2012 ގައި އެއިރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރި ގޮތުގެ މައްސަލައަށް އިންސާފު ލިބޭނީ، ބަޣާވާތް ކުރުމުގައި އިސްކޮށް އުޅުނު ވެރިން ދަން ޖައްސައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ އިއްޒަތްތެރި މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާގައި މިއަދު ވާހަކަ ދައްކަވަމުން އިއްޒަތްތެރި މެމްބަރު ވިދާޅުވެފައި ވަނީ، މީގެ 10 އަހަރު ކުރިން 7 ފެބްރުއަރީ 2012 ގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ވައްޓާލާފައި ވަނީ ބަޣާވާތަކުން ކަމަށާއި، އަދި އެއީ ދިވެހި ރައްޔިތުން ބަލައިގަންނަ ކަމެއް ނޫންކަމަށެވެ. ހަމައެއާއެކު 8 ފެބްރުއަރީގައި ފުލުހުން އެމް.ޑީ.ޕީއިން ކުރި މުޒާހަރާގައި ބައިވެރިވި ފަރާތްތަކާއިމެދު އަމަލު ކުރި ގޮތަކީވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މަޖިލީހުގައި ވާހަކަ ކުރިއަށް ގެންދަވަމުން އިއްޒަތްތެރި މެމްބަރު ވިދާޅުވެފައި ވަނީ، އެކަމެއް ހިނގިތާ 10 އަހަރު ވެފައިވާއިރު ވެސް ގައުމު އެކަމުން އަރައި ނުގަނެވޭ ކަމަށެވެ. އަދި އިންސާފު ލިބެން އޮތީ އެކަމުގައި އިސްކޮށް އުޅުނު މީހުން ދަން ޖައްސައިގެން ކަމަށާއި، އެކަމެއް ނުކުރެވުނު ކަމަށެވެ. ބަޣާވާތުގެ ވެރިން ދަން ޖެއްސި ނަމަ އިންސާފު ލިބިގެން ދިޔައީސް ކަމަށް ވެސް އިއްޒަތްތެރި މެމްބަރު ވިދާޅުވެފައި ވެއެވެ.
”ބަޣާވާތުގެ ވެރީން ދަން ޖެއްސުން، އެ ކަމެއް ނުކުރެވުނު، އެ ވެރީން ދަން ޖެއްސިނަމަ އިންސާފު ލިބިގެން ދިޔައީސް“ އިއްޒަތްތެރި މެމްބަރު ނާޒިލް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވެރިކަން ވައްޓާލީ ”ބަޣާވާތަކުން“ ކަމަށް އެމަނިކުފާނާއި އެމް.ޑީ.ޕީގެ އިސް ވެރިންނާއި ސަޕޯޓަރުން ތުހުމަތު ކުރަމުން ދާއިރު، އެދުވަހު ހިނގައިދިޔަ ކަންތައްތައް ބަލައި ތަހުގީގު ކުރުމަށް، އެމް.ޑީ.ޕީގެ އިސް މެމްބަރުންވެސް ހިމެނޭހެން އެކުލަވާލި ރިޔާސީ ކޮމިޝަނުން، އެމައްސަލަ ތަހުގީގު ކުރުމަށް ފަހު، އެއީ ބަޣާވާތެއް ނޫން ކަމަށާއި، އެދުވަހު ރައީސް ނަޝީދު އިސްތިއުފާ ދެއްވީ ޤާނޫނާއި ޚިލާފު އެއްވެސް މަޖުބޫރު ކަމެއް އަދި ބިރުދެއްކުމެއް ނެތި، އަމިއްލަފުޅަށް ކަމަށް ވަނީ ނިންމާފައެވެ. އަދި ރައީސް ނަޝީދުގެ އިސްތިއުފާއަށް ފަހު އެއިރުގެ ނައިބު ރައީސް ޑރ. މުޙައްމަދު ވަހީދު ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލު ވެފައި ވަނީ ޤާނޫނާއި އެއްގޮތަށް ކަމަށް ވެސް ރިޔާސީ ކޮމިޝަންގެ ތަހުގީގީ ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ފެބްރުއަރީ 6، 7 އަދި 8 ވަނަ ދުވަހުގެ ހާދިސާ ތަކުގައި ފުލުހުން އަނިޔާވެރި ވެފައިވާ ކަމަށާއި، އެކަން ބަލައި ތަހުގީގުކޮށް، އަނިޔާވެރިވި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން އެއީ ބަޣާވާތެއް ކަމަށް ތުހުމަތުކޮށް، އެމް.ޑީ.ޕީގެ އިސް ފަރާތްތަކާއި ސަޕޯޓަރުން ފެބްރުއަރީ 8 ވަނަ ދުވަހު ރާއްޖޭގެ އެކި ސަރަހައްދުގައި ވަނީ މުޒާހަރާ ކޮށް، ސަރުކާރުގެ ބައެއް އިމާރާތްތަކުގައި ހުޅު ޖަހާފައެވެ. މިހާދިސާގައި ދައުލަތުގެ އެތައް އިމާރާތަކާއި އަދި އަމިއްލަ ބައެއް ފަރުދުންގެ މުދަލަށް ވެސް ވަނީ އަގުނުކުރެވޭ ގެއްލުން ލިބިފައެވެ.
ތިބަޤާވާތް ކުރިމީހުން މިހާރު ތިތިބީ މޑޕ ގެސަރުކާރުގެ މަތީ މަޤާމްތަކުގައި މިހާރު އެބޭފުޅުން ހީފަ އަތްތިލަބަޑި ޖަހަނީ ވާވާ. މީވާވަރު. ދެންކިހިނެއް ދަންޖައްސާނީ ތިނަދޫ މެމްބަރުވެސް ވިސްނާލާ.