
މިލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފި
ނ. މިލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށްޓަކައި ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް 27 ނޮވެމްބަރ 2021 ވަނަ ދުވަހު ވަނީ ފެށިފަ އެވެ.
މިމަސައްކަތްކުރާ ކުންފުނި، އެމް ޓީސީސީ އިން ހާމަަކުރާ ގޮތުގައި މި މަޝްރޫޢުގެ ދަށުން 37,222 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 209 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 152 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 286 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނޭނެ އެވެ.
މީގެ އިތުރުން 1،430 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖެހުމާއި މަގު ބައްތި ޖެހުމުގެ މަސައްކަތްވެސް ހިމެނޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް ޓީސީސީ އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 42.1 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.