
އެމް.ޕީ.އެލްގެ ބައެއް ޚިދުމަތްތައް އޮޓަމޭޓްކޮށް، އޮންލައިންކޮށް ދިނުމަށް ފަށައިފި
މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ފޯރުކޮށްދެމުންދާ މެރިން އަދި ޕައިލަޓޭޖްގެ ހުރިހާ ޚިދުމަތްތަކަށް ރިކުއެސްޓްކުރުމާއި، އީޓީއޭ ހުށަހެޅުމާއި ފައިސާ ބަލައިގަތުމުގެ ޚިދުމަތް އޮޓަމޭޓްކޮށް، އޮންލައިންކޮށް ޚިދުމަތް ދިނުމަށް މިހާރު ވަނީ ފަށައިފަ އެވެ.
އެކުންފުނީގެ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް ޒަމާނީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، “ ބަނދަރު ޕޯޓަލް“ ޕޯޓަލްގައި މެރިން އަދި ޕައިލަޓޭޖް ސާވިސަސް އަށް ހާއްސަކޮށްފައިވާ ”މެރީން މޮޑިއުލް“ މެދުވެރިކޮށް، މެރިން އަދި ޕައިލަޓޭޖް އިން ކަސްޓަމަރުން ބޭނުންވާ ހުރިހާ ޚިދުމަތްތަކަކަށް ރިކުއެސްޓްކުރެވޭނެ އެވެ.
މި ގެނެވުނު ބަދަލަށް، ޝިޕިން އެޖެންޓުން އަހުލުވެރިކުރުމާއި، ”މެރިން މޮޑިއުލް“ގެ މަޢުލޫމާތު ހިއްސާކުރުމުގެ ގޮތުން، އެ ކުންފުނީގެ ޕައިލަޓޭޖް އެންޑް މެރީން ސާވިސް ޑިޕާޓްމަންޓާއި އައި.ޓީ ޑިޕާޓްމަންޓް އިން ވަނީ ޝިޕިން އެޖެންޓުންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބުރާސްފަތި ދުވަހު ބާއްވައިފަ އެވެ. އެބައްދަލުވުމުގައި ވަރަށް ގިނަ ޝިޕިން އެޖެންޓުން ބައިވެރިވި އެވެ.
އަދި، 21 ނޮވެމްބަރު 2021 ވާ އާދިއްތަ ދުވަހުން ފެށިގެން، މެރިން އަދި ޕައިލަޓޭޖްގެ ޚިދުމަތްތަކަށް ރިކުއެސްޓްކުރުމާއި، އީ.ޓީ.އޭ ހުށަހެޅުމާއި ފައިސާ ދެއްކުން އަދި މިކަމާ ގުޅޭ އެހެން ހިދުމަތްތަކަށް ވެސް ރިކުއެސްޓްކުރެވޭނީ ހަމައެކަނި ”ބަނދަރު ޕޯޓަލް“ގެ ”މެރިން މޮޑިއުލް“ މެދުވެރިކޮށެވެ.
މެރިން އަދި ޕައިލަޓޭޖްގެ ޚިދުމަތްތައް އޮޓަމޭޓްކުރުމާއެކު، މި ކުންފުނީގެ ކަސްޓަމަރުންނަށް ޚިދުމަތް ހޯދުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.
އެ ކުންފުނީގެ މައިގަނޑު ހުރިހާ ޚިދުމަތްތަކަށް ރިކުއެސްޓްކުރުމާއި، ލިޔެކިއުން ހުށަހެޅުން އަދި ފައިސާ ދެއްކުން ވެސް އޮންލައިންކޮށް ކުރެވޭނެ ނިޒާމް އެ ކުންފުނިން ޤާއިމްކޮށްފައިވާކަން ފާހަގަކުރެވެ އެވެ. އަދި އެ ކުންފުނިން ހާމަކުރާ ގިތުގައި ކަސްޓަމަރުންނަށް މިހާރު ފޯރުކޮށްދެމުންދާ ޚިދުމަތްތައް ވެސް އިތުރަށް ކުރިއަރުވައި ހަރުދަނާކުރުމަށް އެ ކުންފުނިން ކުރިއަށް އޮތް ތަނުގައި އިތުރު މަސައްކަތްތަކެއް ކުރާނެ އެވެ.