
އިސްލާމީ އަޚްލާޤުގެ މަތީގައި ކުދިން ތަރުބިއްޔަތު ކުރުމަކީ، ހެޔޮލަފާ ޖީލެއް ބިނާކުރުމުގެ ބިންގާ – ރައީސް ޞާލިޙް-
އިސްލާމް ދީނުގެ ރިވެތި އަޚްލާޤުގެ މަތީގައި ކުދިން ތަރުބިއްޔަތު ކުރުމަކީ، ހެޔޮލަފާ ޖީލެއް ބިނާކުރުމުގެ ބިންގާކަމަށާ އެހެންކަމުން ތުއްތު ދަރިންގެ ހިތްތަކުގައި، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ ފުރިހަމައަށް ސާބިތުކޮށްދެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރާއްޖެ އިސްލާމުވި ދުވަހުގެ މުނާޞަބާ ފާހަގަކުރުމުގެ ގޮތުން ފޮނުއްވި ޚިޠާބުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހި ޤައުމިއްޔަތު ބިނާވެފައި ވަނީ މާތްވެގެންވާ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައިކަން ފާހަގަކުރެއްވިއެވެ. އަދި އެ ނިޢުމަތުގެ މަތީގައި ތާއަބަދަށް ދެމިތިބެވޭތޯ ގަދައަޅައި މަސައްކަތް ކުރުމަކީ، ކޮންމެ ދިވެހި ފަރުދެއްގެ ބޮލުގައި އެޅިފައިވާ، ދީނީ އަދި ޤައުމީ ވާޖިބެއްކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ދިވެހި މުޖްތަމަޢަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އިސްލާމް ދީނާ އެއްވެސް ގުޅުމެއް ނެތް ފިކުރުތަކާއި ޢަމަލުތަކެއް، ދީނީ ކަންތަކެއްގެ ގޮތުގައި، ފެތުރުމަށް، ބަޔަކު ކުރަމުންދާ މަސައްކަތްކަން ފާހަގަކުރެއްވިއެވެ. އަދި އޭގެ ނަތީޖާއަކީ އެފަދަ ފިކުރުތައް ޤަބޫލުކުރާ މަދު ބަޔަކު، މީހުންގެ ފުރާނައާއި މުދަލަށް ގެއްލުންދިނުމުގެ ނިރުބަވެރި ޢަމަލުތައް ހިންގަން ފެށުންކަމަށާއި މިސަބަބަށްޓަކައި، ޢިލްމުވެރިންނާއި މުދައްރިސުންވެސް، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ، ރަނގަޅު ގޮތުގައި ދަރިންނަށް ފޯރުކޮށްދެއްވުމަށް، ޚާއްޞަ ސަމާލުކަން ދެއްދެވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލައްވަމުން ވަނީ އަނެކުންގެ ފުރާނައާއި މުދަލާއި އަބުރަށް ޙުރުމަތްތެރިކޮށް ހިތައި ރައްކާތެރިވުމުގައި، މާތް ނަބިއްޔާ ދެއްކެވި މަތިވެރި ނަމޫނާގައި ހިފައި އެގޮތަށް ޢަމަލުތައް ބައްޓަންކުރުމަށް އެދިވަޑައިގަންނަވާފަ އެވެ. އަދި ޙަސަދަވެރިކަމާއި ޢަދާވާތްތެރިކަމުން އެއްކިބާވެ، މީސްތަކުންނަށް މަޢާފްކުރުމަށާއި ބަދަލު ނުހިފުމަށް، މާތް ނަބިއްޔާ ތަކުރާރުކޮށް ދެއްވި އިރުޝާދުތައް ތާއަބަދު ސިކުނޑީގައި ހަރުލެއްވުމަށާއި ކުލުނާއި އޯގާތެރިކަން އިސްކޮށް އިސްލާމްދީނުގެ ރިވެތި އަޚްލާޤުގެ މަތީގައި ސާބިތުވެ ތިބުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.
ރާއްޖެ އިސްލާމުވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޙިޖުރީ ސަނަތުން ކޮންމެ ރަބީޢުލް އާޚިރާ މަހެއްގެ 2 ވަނަ ދުވަހެވެ.