
އިހަވަންދޫ ބަނދަރު މަސައްކަތުގެ 66 ޕަސެންޓް ނިމިއްޖެ
ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 66 ޕަސެންޓް ނިމިއްޖެ އެވެ. އެ މަސައްކަތް ކުރަމުންދާ އެމް ޓީސީސީ އިން ހާމަ ކުރާގޮތުގައި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފަހުގެ ޝިޕްމަންޓް 2 އޮކްޓޯބަރ 2021 ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފަ އެވެ. މީގެ އިތުރުން މިހާރު ކުރިއަށްދަނީ ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތެވެ.
އެމް ޓީ ސީ ސީ އިން ހާމަ ކުރާ ގޮތުގައި މި މަޝްރޫޢުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ. އަދި މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 4,582 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުންވެސް ހިމެނެއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް ޓީ ސީ ސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 62.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.