
އިސްރާފު ކުރުމަކީ މުއުމިނުންގެ ސިފައެއް ނޫން – ޚުޠުބާ
މިއަދުގެ ހުކުރު ޚުޠުބާ ބިނާކޮށްފައިވަނީ އިސްރާފު ކުރުމުގެ މައްޗަށެވެ.
މިއަދުގެ ހުކުރު ޚުޠުބާގައި އިސްރާފު ނުކުރުމާބެހޭގޮތުން ވަރަށް ގިނަ ނަޞީޙަތް ދީފައިވެ އެވެ. އެގޮތުން މުދަލުން އިސްރާފު ކުރާ މީހުންނަށާއި ލިބޭ އެއްޗަކަށްވުރެ ބޮޑަށް ހޭދަކުރާ މީހުނަށްވެސް ދީނުގައި އެކަން އައިސްފައިވާ ގޮތް ހަނދާން ކޮށްދީފައިވެ އެވެ.
މުއުމިނުންގެ ސިފަ ބަޔާން ކުރައްވަމުން، މުއުމިނުންގެ ޞިފައަކީ ތިމާގެ އަތުގައިވާ އެއްޗަކުން ފުއްދައިގެން، އިޤްތިޞާދުކޮށްގެން ދިރިއުޅުން ކަމަށާއި މާތްﷲ ދެއްވި އެއްޗަކަށް ޝުކުރުވެރިވެ، ފުދިގެން އުޅުމާއި އެފަދަ މީހުންނަށް މާތް ﷲ ތަޢްރީފު ކުރައްވާފައިވާކަން ވެސް ހަނދާން ކޮށްދީފައިވެ އެވެ.
وَالَّذِيۡنَ اِذَاۤ اَنۡفَقُوۡا لَمۡ يُسۡرِفُوۡا وَلَمۡ يَقۡتُرُوۡا وَكَانَ بَيۡنَ ذٰلِكَ قَوَامًا (ސޫރަތުލް ފުރްޤާން 67)
މާނައީ: އަދި އެއުރެންނީ (އެބަހީ: މުއުމިނުންނީ) އެއުރެން ހޭދައެއް ކޮށްފިނަމަ އިސްރާފު ނުކުރާ، އަދި މުށްބާރުވެސް ނުކުރާ، އަދި އެދެމެެދުގައި މެދުމިންވެ ތިބޭ މީހުންނެވެ،
ކަންމިހެން އޮތްނަމަވެސް، ބައެއް މީހުން ކުރަން ނުޖެހޭ ބޮޑެތި ހޭދަކުރަމުންދާކަމަށާއި ދަރިން ކުޅޭން ގެންގުޅޭ އެއްޗެތިވެސް ހަލާކު ވުމުގެކުރިން ގަންނަކަމަށާއި ބައެއް މީހުން ފުދުންތެރިކަން ނެތް ނަމަވެސް ބޭންކް ލޯނު ނަގައިގެންނާއި މީސްމީހުން އަތުން ދަރަންޏަށް ފައިސާ ނަގައިގެން ޟަރޫރަތެއް ނެތް ބޮޑެތި ޚަރަދު ކުރާކަންވެސް ފާހަގަ ކޮށްފައިވެއެވެ.
ނިންމާލަމުން ފަހު ޚުޠުބާގައި މިއަދުގެ ޙާލަތާގުޅެގޮތުން (ކޮވިޑް19) ކުރިމަތިވެފައިވާ ވަޒީފާގެ ދަތިކަމާ ވިޔަފާރިތައް ބަންދުވެފައި ވުމުގެ ސަބަބުން ކުރިމަތިވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް މުސްލިމުންގެ އީމާންތެރިކަމާއި، ޢަޤިދާގެ ދައުރަކީ ވަރަށް މުހިންމު އެއްޗެއްކަންވެސް ބަޔާންކޮށްފައިވެ އެވެ.
މާތްﷲ އެކަލާންގެ އެއްވެސް އަޅަކު ނިކަމެތި ނުކުރައްވާނެ ކަމަށާއި ދުނިޔޭގައި ހިނގާ ކޮންމެ ކަމެއްވެސް ހިނގަނީ އެކަލާންގެ މަތިވެރިކަމާއި، ޙިކްމަތްވަންތަ ކަމުންކަމާއި ދުނިޔޭގައި ކުރިމަތިވާ ކޮންމެ ކަމަކީވެސް އެކަޅާންގެ މިންވަރުފުޅުގެ ތެރެއިން ކުރިމަތިވާކަމެކެވެ. ހުރިހާ ޚަލްޤުތަކުންނަށް ރިޒްޤު ދެއްވުން ﷲ ތަޢާލާވަނީ، އެކަލާންގެ ޒާތުފުޅަށް ކަނޑައަޅުވާފަ އެވެ.