އެސްޓީއޯ އިން މިއަހަރު ބާއްވާ އެންމެ ބޮޑު ސޭލް މި މަހުގެ 6 ގައި ފަށާގޮތަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެސްޓީއޯ ވެއަރ ހައުސް ސޭލްގެ ނަމުގައި ބާއްވާ މި ސޭލް އޮންނާނީ ނޮވެމްބަރ 6 އިން 10 އަށް އަމީނީމަގު އެސްޓީއޯ 7 ނަންބަރ ކޮށީގައެވެ.
ކޮންމެ ރެއަކު 20:00 އިން 23:00 ކުރިއަށްދާ މި ސޭލްގައި އެންމެ ޚާއްޞަކަމަކީ ހުރިހާ އެއްޗެއްވެސް ވަރަށް އަގުހެޔޮކޮށް ލިބެން ހުރުން ކަމަށާއި އެގޮތުން ފިލިޕްސް އަދި ސެމްސަންގ ޓީވީ އާއި ފިލިޕްސް ބަދިގެ ސާމާނު އަދި ސުޕަރމާޓްއިން ވިއްކާ ތަކެތިވެސް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މިސޭލް ކުރިއަށްދާއިރު ކުރައްވާ ކޮންމެ -/500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެއެވެ. އަދި ކޮންމެ ރެއަކު ގުރުއަތުން ނަޞީބުވެރި ގިނަ ފަރާތްތަކެއް ހޮވައި އަގުހުރި އިނާމްތަކެއް ލިބިގެންދާނެއެވެ.
އަހަރު ނިމުމުގެ ކުރިން މުދާތައް ހުސްކުރުމުގެ މަޤުޞަދުގައި ބާއްވާ މި ސޭލް މިއަހަރު ބެއްވުމަށް ނިންމީ، ފާއިތުވި ދެއަހަރެއްގައި ބޭއްވި ވެއަރހައުސް ސޭލްއަށް ލިބުނު ތަރުހީބަށް ބެލުމަށްފަހުގައި ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.