ޚަބަރު ފީތާ

ފްލައިމީ އިން ކާޑެއްދޫ އަށް ޚާއްޞަ ދަތުރުތަކެއް ކުރަނީ

ސްކޫލު ޗުއްޓީ ދުވަސްވަރަށް ޚާއްޞަކޮށްގެން ފްލައިމީ އިން މާލެ އާއި ގދ. ކައްދޫ އާދެމެދު ޚާއްޞަ ދަތުރުތަކެއް ކުރުމަށް ނިންމައިފިއެވެ.

ފްލައިމީގެ 5 ވަނަ އަހަރީ ދުވަހުގެ ޚާއްޞަ ޙަރަކާތްތަކުގެ ތެރޭގައިވެސް ހިމަނައިގެން ކުރިއަށް ގެންދާ މި ދަތުރުތަކުގެ ޓިކެޓު މިހާރު ވިއްކަން ފަށާފައިވާ އިރު، ނޮވެމްބަރ 14 އިން ޖެނުއަރީ 31 ގެ ނިޔަލަށް ކުރުމަށް ހަމަޖެހިފައިވާ މި ދަތުރުތަކުގައި މާލެއިން ފުރުމަށް ތާވަލުކޮށްފައިވަނީ ކޮންމެ ދުވަހަކުވެސް ހެނދުނު 08:00 ގައެވެ. ކައްދޫއިން ފުރުމަށް ތާވަލުކޮށްފައިވަނީ ހެނދުނު 09:45 ގައެވެ.

މި ޚާއްޞަ ދަތުރުތަކުގެ އަގު =/888 ރުފިޔާއަށް ހުރި އިރު، ގދ. މަޑަވެލި، ހޯޑެއްދޫ އަދި ތިނަދޫއަށް ދާންބޭނުންވާ ޕަސިންޖަރުންނަށް ފެރީ ޓިކެޓާއެކު =/1010 ރުފިޔާގެ ފެއާރއެއް ވަނީ ހަމަޖައްސާފައެވެ.

ފްލައިމީ އިން ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން އެ އެއަރލައިންގެ ވެބްސައިޓު www.flyme..mv މެދުވެރިކޮށް އޮންލައިންކޮށް ޓިކެޓު ނެގުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާއި ފެރީ ޓިކެޓާއެކު ފްލައިޓު ޓިކެޓް ނަގަންބޭނުންވާ ފަރާތްތަކުން ފްލައިމީގެ ކޯލް ސެންޓަރ 3013000 ނުވަތަ ފްލައިމީ އޮތޯރައިޒްޑް ލޯކަލް ޓިކެޓިންގ އެޖެންޓުންނަށް ގުޅައިގެން އެކަން ކުރިއަށް ގެންދިއުމަށް ފްލައިމީ އިން އެދެއެވެ.

ވިލާ ގްރޫޕުގެ ސަބްސިޑަރީ، ވިލާ އެއަރ އިން އޮޕަރޭޓްކުރާ ފްލައިމީގެ އޮޕަރޭޝަންތަކަށް މި އަހަރުގެ އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހު 5 އަހަރު ފުރިފައިވާ އިރު، ހަފުތާގެ ކޮންމެ ދުވަހަކުވެސް އދ. މާމިގިލި، ބ. ދަރަވަންދޫއަށް އަންނަނީ ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ. އަދި އެ އެއަރލައިންގައި 68 މީހުންގެ ޖާގައިގެ 500-72 ATR މަރުކާގެ 2 އެއަރކްރާފްޓް އަންނަނީ ބޭނުންކުރަމުންނެވެ.

ފްލައިމީ އިން ބުނީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކާއި ފުޅާވަމުން އަންނަ ފަތުރުވެރިކަމުގެ ސިނާޢަތުގައި ބައިވެރިވުމުގެ ތަޞައްވުރުގައި ފެށި ފްލައިމީގެ އެންމެބޮޑު އަމާޒަކީ ރާއްޖޭގެ ގިނަ އެއަރޕޯޓުތަކަށް ދަތުރުތައް ފުޅާކޮށް، ދިވެހިންނަށާއި ފަތުރުވެރިންނަށް ރައްކާތެރި، އަގުހެޔޮ، އިތުބާރު ކުރެވޭ ޚިދުމަތެއް ފޯރުކޮށްދީ މި ދާއިރާގެ އެންމެ ރަނގަޅު އެއަރލައިންތަކުގެ ތެރޭގައި ހިމެނުން ކަމަށެވެ.

Rate this post