
ހިޔާ ޔޫނިއަން އިން ކުރަމުންދާ މަސައްކަތަށް އުރީދޫގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ނިޔާޒު
ހިޔާ ޔޫނިއަން އިން ކުރަމުންދާ މަސައްކަތަށް އުރީދޫގެ ފުރިހަމަ އެހީތެރިކަން ލިބޭނެ ކަމަށް އުރީދޫ މޯލްޑިވްސް ގެ ޗީފް ކޮމަރޝަލް އޮފިސަރ މުހައްމަދު ނިޔާޒު ވިދާޅުވެއްޖެ އެވެ.
ނިޔާޒު މިހެން ވިދާޅުވީ ހިޔާ ޔޫނިއަން އާއެކު ބޭއްވި ބައްދަލު ކުރެއްވުމުގަ އެވެ.
ހިޔާ ޔޫނިއަން އިން އެޓޯލް ނިއުސްއަށް މަޢުލޫމާތު ދެމުން ބުނީ މި ބައްދަލު ކުރެއްވުމަކީ އުއްމީދީ، ވަރަށް ފުރިހަމަ ބައްދަލުކުރެއްވުމެއް ކަމަށެވެ. އަދި އޫރިދީގެ އެހީތެރިކަން ޔޫނިއަންއަށް އަބަދުވެސް ލިބޭނެކަމަށް ނިޔާޒު ވިދާޅުވެފައިވާ ކަމަށެވެ.
މީގެ އިތުރުން ހިޔާ ޔޫނިއަން އިން އިސްނަގައިގެން މިހާބޮޑު ކޮމިއުނިޓީއަކަށް އަމާޒުކޮށްގެން މި ގެންގުޅުއްވާ ސިޔާސަތުތަކަކީ ވަރަށް ރަނގަޅު އަދި ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމެއްކަމުގައި އޫރިދޫއަށް ޤަބޫލު ކުރެވޭކަން ނިޔާޒު ފާހަގަ ކުރައްވާފައިވާ ކަމަށް ވެސް އެ ޔޫނިއަނުން ބުންޏެވެ.
ހިޔާ ފްލެޓު ލިބުނު ފަރާތްތަކަުގެ ކަންބޮޑުވުންތައް ކަމާއިގުޅުންހުރި މުވައްސަސާތަކަށް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ’ހިޔާ ޔޫނިއަން‘ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ.
އެގޮތުން ހިޔާ ފްލެޓް ތަކުގެ ކުލި -/5600ރ އަށް ހައްދަވައި، އިންޓީރިއާ ފިނިޝިންގއަށް ހޭދަވާ ގުރޭސް ޕީރިއެޑް 12 މަހަށް ހެދުމަށާއި ޖުމްލަ އަގުން އިންޓީރިއާއަށް ހޭދަވާ -/100،000ރ މަޢާފް ކޮށްދެއްވުމަށް ދަންނަވައި ފްލެޓް ލިބުނު 2177 މީހުން ސޮއި ކޮށްފައިވާ ޕެޓިޝަނެއް މިހާރުވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ ޢަލީ ޢާޒިމްއަށް އަރުވާފަ އެވެ.
މީގެ އިތުރުން ބީއެމްއެލް އިން އިޢުލާންކޮށްފައިވާ ހޯމް އިމްޕްރޫވްމަންޓް ލޯންގެ އެލިޖިބިލިޓީ ހިޔާ ފްލެޓް ލިބުނު ކޮންމެ މީހަކަށް ވެސް ލިބޭގޮތަށް އިންތިޒާމްކޮށްދެއްވުމަށް އެ ބޭންކުގައި ވަނީ އެދިފަ އެވެ. އަދި ހިޔާ ފްލެޓްތަކަށް ބޭނުންވާ ތަކެތީގެ ކެޓްލޮގެއް ވަނީ ހިޔާ ޔޫނިއަންގެ ފަރާތުން ލޯންޗްކޮށްފަ އެވެ.
މިއާއެކު ހިޔާ ފްލެޓު ލިބުނު ފަރާތްތަކުގެ ކަންބޮޑުވުންތައް ރައީސް އޮފީސް، ހައުސިންގ މިނިސްޓްރީ އަދި އެޗްޑީސީ އާ ވެސް ވަނީ ހިއްސާކޮށްފަ އެވެ.