ކުއަލަލަމްޕޫރުގައި ސަރުކާރާއި ދެކޮޅަށް މުޒާހަރާ ފަށައިފި

ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށް މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި އާންމު ތަންތާނގައި މީހުން އެއްވެ އުޅުން މަނާކުރުމުން، އެނިންމުމާއި ދެކޮޅުހަދައި އެޤައުމުގެ ސަރުކާރާއި ދެކޮޅަށް އެތައް ސަތޭކަ ބަޔަކު މަގުތައް މައްޗަށް ނިކުމެ މުޒާހަރާ ކޮށްފިއެވެ.

މާސްކު އަޅައިގެން އަދި އިޖްތިމާއީ ގައިދުރުކޮށް ކުރިއަށް ގެންދިޔަ މިމުޒާހަރާގައި އެއްވި މީހުން ވަނީ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލާފައެވެ. އަދި “ނާކާމިޔާބު ސަރުކާރެއް” ލިޔެފައިވާ ބެނާތަކާއި ކަޅު ދިދަވެސް ވިހުރުވާފައިވާ ކަމަށް ބޭރުގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވެއެވެ.

އިޝްތިހާރު Below Header ad

މެލޭޝިއާގައި ކޮވިޑް19 ފެތުރެން ފެށި ފަހުން މިއީ މިފަދަ ގޮތަކަށް ގިނަ ބަޔަކު އެއްވި ފުރަތަމަ ފަހަރެވެ. ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގެ ކަންތައްތައް ސަރުކާރުން ކުރިއަށް ގެންދާ ގޮތާއިމެދު ރައްޔިތުންގެ ހިތުގައި ރުޅިވެރިކަން އުފެދުނު ނަމަވެސް، ލޮކްޑައުންގެ ސަބަބުންނާއި ބަލި ޖެހިދާނެ ކަމުގެ ބިރަށްޓަކައި އެއްވުމެއް ނުބާއްވައި ތިބީކަމަށް އެއްވުން ކުރިއަށް ގެންދިއަ ފަރާތްތަކުން ވަނީ ބުނެފައެވެ. މެލޭޝިއާގައި ލޮކްޑައުންއާއިއެކު ވެސް ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް މާބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ. އަދި ބޮޑުވަޒީރު މުޙްޔިއްދީން ޔާސިންގެ ސަރުކާރުން ކޮވިޑްގެ ކަންތައްތައް ބަލަހައްޓާ ގޮތާއި ސަރުކާރު ދެމެހެއްޓުމަށް ކުރަމުންދާ ކަންތައްތަކާމެދު ރައްޔިތުން ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.

“އަހަރެމެން އެއްވުމަށް ނިކުމެ މިތިބީ ރައްޔިތުން ހާލުގައި ޖެހިފައިވާއިރު ސިޔާސީ ކުޅިވަރު ކުޅުމުގައި ސަރުކާރު އަވަދިނެތި އުޅޭތީ” މީޑިއާއާއި ވާހަކަ ދައްކަމުން މުޒާހަރާގެ ބައިވެރިއަކު ބުނެފައިވެއެވެ. ސަރުކާރުން ޤައުމުގެ އިޤްތިސާދު ހަލާކު ކޮށްލައި ޤައުމުގެ ޑިމޮކްރަސީ ނެތިކޮށްލާފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަދި މުޙްޔިއްދިންއަކީ ވަރަށް ގޯސް ލީޑަރެއް ކަމަށާއި އޭނާ މަޤާމުން ވަކިވާން ޖެހޭ ކަމަށްވެސް ކުއަލަލަމްޕޫރުގެ ޑައުންޓައުންގައި މުޒާހަރާއަށް ނިކުމްހުރި ޝާޤް ކޮޔޯކް ބުނެފައިވެއެވެ.

މުޒާހަރާއަށް މީހުން އެއްވި ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ދިޔައީ ހަރަކާތްތެރި ވަމުންނެވެ. އަދި އެއްވުމުގެ ބައިވެރިން ސެންޓްރަލް ސްކުއާއަށް ވަންނަން އުޅުމުން އެކަން ހުއްޓުވުމުން އެމީހުން ވަނީ ސުލްހަވެރިކޮށް އެތަނުން ދުރަށް ގޮސްފައެވެ.

MALAYSIA 2

މިއެއްވުމުގައި 1000 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އެއްވުން ރޭވި ފަރާތުން ބުނިނަމަވެސް ފުލުހުން ބުނެފައި ވަނީ އެއްވެފައި ވަނީ ގާތްގަނޑަކަށް 400 މީހުން ކަމަށެވެ. އަދި އެއްވެ އުޅުން މަނާކޮށްފައި ވަނިކޮށް ޤަވާއިދާއި ޚީލާފުވެ ބޮޑުއެއްވުމެއް ކުރިއަށް ގެންގޮސްފައިވާތީ މިމުޒާހަރާގައި ބައިވެރިވި ފަރާތްތަށް ފުލުހަށް ހާޒިރު ކުރާނެ ކަމަށް މެލޭޝިޔާގެ މީޑިއާތަކަށް މަޢުލޫމާތު ދެމުން ފުލުހުން ބުނެފައިވެއެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު ކަމަށް މުޙްޔިއްދީން އިންތިހާބަކާއި ނުލައި ހޮވިވަޑައިގެންފައި ވަނީ ފާއިތުވި އަހަރުގެ މެދުތެރޭގައެވެ. އެހެންނަމަވެސް ސަރުކާރު ކޯލިޝަނުން އޭނާއަށް ކުރި ތާއީދު އަލުން އަނބުރާ ގެންދިއުމުން މުޙްޔިއްދީންގެ ސަރުކާރު މިހާރު ވަނީ ވެއްޓުމާއި ގާތްވެފައި ކަމަށް މާހިރުން ދެކެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.