
މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރެޖިސްޓްރޭޝަން އޮފީހެއް ހުޅުވަނީ!
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރެޖިސްޓްރޭޝަން އޮފީހެއް ހުޅުވަން ނިންމައިފި އެވެ.
އެ ޕާޓީން ބުނީ މި އޮފީސް ނުވަތަ ޖަގަހަ ހުޅުވުން އޮންނާނީ މިއަދު ހަވީރު 4 ޖަހާ އިރު ކަމަށެވެ.
މި އޮފީސް ހުންނާނީ ހ. ނޫމުރަކަ (ގްރައުންޑް ފްލޯރ) ހަދީބީ މަގުގައި ކަމަށެވެ. މިއީ ސްރީލަންކާ އެމްބަސީ ހުންނަ ޢިމާރާތް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
އެމްއެންޕީ އަކީ ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް އިސްކޮށް ހުންނަވައިގެން އުފައްދަވާފައިވާ ޕާޓީއެކެވެ.
ނާޒިމް ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީ ރިޔާސީ އިންތިޚާބުގައި ވާދަކުރުން ކަމަށާއި އެގޮތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި އިންތިޚާބު އެމްއެންޕީގެ ކެންޑިޑޭޓް ކާމިޔާބު ކުރައްވާނެ ކަމަށް ވެސް ނާޒިމް ވަނީވިދާޅުވެފަ އެވެ.
ނާޒިމް ވިދާޅުވެފައިވަނީ ޕާޓީގެ ރިޔާސީ ޓިކެޓް ދޭނީ ޕާޓީން ބާއްވާ ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅަކަށް ކަމަށާއި ޕްރައިމަރީގައި ނާޒިމް ވެސް ވާދަކުރައްވާނެ ކަމަށެވެ. އަދި ޕްރައިމަރީއާއި އެޕާޓީގެ އެހެން އިންތިޚާބުތައް ކުރިއަށްގެންދާނީ ދެފުށް ފެންނަގޮތަށް ކަމަށެވެ.
އެކަންކަން ބަަަލައި މޮނިޓަރކުރުމަށް ތިންވަނަ ފަރާތެއް ހަރަކާތްތެރިވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީން ވަނީ ބުނެފަ އެވެ.
” ޕާޓީގެ ލީޑަރޝިޕްގެ މަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް ގިނަވެގެން މަގާމުގައި ތިއްބެވޭނީ ދެ ދައުރަށް. އަސާސީ ގަވައިދުގައި އެކަން ހިމަނާނަން. މިއީ ޒުވާނުންނަށް ފުރުސަތު ދިނުމަށް ހަދާ ގޮތެއް.” ނާޒިމް ވިދާޅުވި އެވެ.
ނާޒިމް އިތުރަށް ވިދާޅުވީ ވަކި މީހެއްގެ ވަށައިގެން އެނބުރޭ ސިޔާސީ ޕާޓީއަކަށް އެމްއެންޕީ ނުވާނެ ކަމަށެވެ. އެމްއެންޕީގެ މައިގަނޑު ބޭނުމަކީ އެކަން ނައްތާލުން ކަމަށާއި ރާއްޖޭގައި މިހާރު އުފެދިފައިވާ ހުރިހާ ސިޔާސީ ޕާޓީތަކަކީވެސް ވަކި މީހެއްގެ ފަހަތުން އަބަދުވެސް އެނބުރޭ ޕާޓީތައް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
އެޕާޓީއަށް މެމްބަރުން ހޯދުމާއިގުޅޭގޮތުން ނާޒިމް ވިދާޅުވީ ވަރަށް އަވަހަށް އެ ހަރަކާތް ފެށޭނެ ކަމަށެވެ. އަދި މިއަހަރުގެ ސެޕްޓްމަބަރު މަހު ޕާޓީ އުފައްދަން ޖަލްސާއެއް ބާއްވަން ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެ ހުއްދަ ދީފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމަށެވެ.
އެމްއެންޕީ އުފެއްދުމުގައި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދު (ޖޭފޯ) އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް ބައިވެރިވެ އެވެ.