
މޯލްޑިވްސް ނެޝަނަލް ޕާޓީގެ ފުރަތަމަ ނިއުސް ކޮންފަރެންސް މިއަދު ބާއްވަނީ!
މޯލްޑިވްސް ނެޝަނަލް ޕާޓީގެ ފުރަތަމަ ނިއުސް ކޮންފަރެންސް މިއަދު ބާއްވަން ނިންމައިފި އެވެ.
އެ ޕާޓީގެ ޓްވިޓަރ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެޕާޓީން މިއަދު މެންދުރު 14:30 ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަަމަށެވެ. އަދި މި ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ ސްޓެލްކޯ މާލަމުގައި ކަމަށް ވެސް ބުނެފައި ވެއެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަކީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކަރނަލް ރިޓައަރޑް މުހައްމަދު ނާޒިމް އިސްވެ ހުންނަވާ އުފައްދަވާ ސިޔާސީ ޕާޓީ އެކެވެ. އަދި ތިމަރަފުށި ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒު ވެސް މި ޕާޓީ އުފެއްދުމުގައި އިސްދައުރެއް އަދާކުރައްވާކަމަށް ވަނީ މަޢުލޫމާތު ލިބިފަ އެވެ.
މި ޕާޓީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަދީފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު އުޝާމަށެވެ.
މިއަދު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް އާއި އަބްދުﷲ ރިޔާޒާއި، ވިލިނގިލީ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހުސިން ހަމީދު (ޖެފޯ) ބައިވެރިވަޑައިގަންނަވާނެ ކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފަ އެވެ.
Maldives National Party (MNP) will be holding our first press conference tomorrow at STELCO Hall.
Time:1430
Date: 26 Jul 2021
Venue: STELCO Meeting Hall pic.twitter.com/kHSlyrm0kN— Maldives National Party (@MNP_Secretariat) July 25, 2021
އެ ޕާޓީން ވަނީ އެ ޕާޓީގެ ލޯގޯ ފުރަތަމަ ފަހަރަށް ދައްކާލާފަ އެވެ. އެގޮތުން އެ ޕާޓީގެ ކުލައިގެ ގޮތުގައި ބޭނުންކޮށްފައިވަނީ ގަދަ ނޫ ކުލައާއި ފެހި އަދި ހުދު ކުލައެވެ.