
މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ލޯގޯ ދައްކާލައިފި
މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ލޯގޯ ދައްކާލައިފި އެވެ.
ލޯގޯގައި މައިގަނޑު ގޮތެއްގައި ގަދަ ނޫކުލަ ހުރި އިރު، ލޯގޯގެ މެދުގައި ބޮޑު ހަނދުފަޅިއަކާއި ތިން ތަރި ހުއރެއެވެ. އަދި ރުކަކާ ވައްތަރު ކުރެހުމެއްވެސް އެ ލޯގޯ ގައި ހުއްޓެވެ.
ރައްޔިތުންގެ މަޖިލިހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާރނަލް ރިޓެއަރޑް މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން އުފައްދަވާ މި ޕާޓީގެ މަސްއޫލުވެރިޔަކީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމެވެ.
އެ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ ވެސް އުޝާމްއަށެވެ.
މޯލްޑިވްސް ނޭޝަނަލް ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ އިތުރުބޭފުޅުންގެ ތެރޭގައި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ނާޒިމް އާއި ރިޔާޒު މިހާރުވަނީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު ވެސް ހިމެނި ވަޑައިގަންނަވާ ގޮތަށް އުފައްދަން މަސައްކަތްކުރާ ޕާޓީއެއް ކަމަށް ޕާޓީ އުފެއްދުމުގެ ހުއްދަ ދިން އުޝާމް ވިދާޅުވެފައިވާ އިރު، އެ ދެ މެމްބަރުން މިހާރުވަނީ އެ ޕާޓީ އަށް ސޮއި ކޮށްފަ އެވެ.
އިލެކްޝަންސް ކޮމިޝަންގައި ޕާޓީ ރަޖިސްޓްރީ ކޮށްދޭނީ 3،000 މީހުންގެ ސޮއި ހުށަހެޅުމުން ނެވެ.
ޕާޓީ އުފައްދަން މެމްބަރު އުޝާމަށް ދިން ހުއްދަ އާއެކު މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި އެ ޕާޓީއާ ގުޅޭ 3،000 މީހުންގެ ނަމާއި ސޮއި އެ ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ އެވެ.