ޚަބަރު ފީތާ

ތޯލިބާނުންގެ ހަރަކާތްތައް ހުއްޓުވުމަށް އަފްގާނިސްތާނުގައި ކާފިއު ހިންގަން ފަށައިފި

އަފްގާނިސްތާނުގެ ބޮޑުބައެއްގައި ކާފިއު ހިންގަން ފަށައިފި އެވެ.

އަފްގާން ސަރުކާރާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ކާފިއު ހިންގަނީ އިއްޔެއިން ފެށިގެން ކުރިޔަށް އޮތް އެ މަސްދުވަހުގެ މުއްދަތަށެވެ. ކާފިއުގެ ވަގުތަކީ ކޮންމެ ރެއެއްގެ 10:00 ން ފަތިހު 4:00 އަށެވެ.

ވެރިރަށް ކާބުލް އާއި އިތުރު ދެ ޕްރޮވިންސްއެއް ފިޔަވާ ހުރިހާ ސަރަހައްދެއްގައި ދަނީ ކާފިއު ހިންގަމުންނެވެ. އަފްގާން ސަރުކާރުން ބުނީ ގައުމުގައި ކާފިއު ހިންގަން ނިންމީ ގިނަ ޕްރޮވިންސްތައް ކޮންޓްރޯކް ކުރަމުންދާ ތޯލިބާނު ޖަމާއަތުގެ ހަރަކާތްތައް ހުއްޓުވައި އެމީހުންގެ ބާރުގެ ދަށަށް އިތުރު ސިޓީތައް ގެންދިޔަ ނުދިއުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

ތޯލިބާނުން ވަނީ އެހެން ގައުމުތަކާއި ބޯޑަރު ގުޅޭ ހުރިހާ ސަރަހައްދެއްގެ އަފްގާން ޕްރޮވިންސްތަކުގެ ކޮންޓްރޯލް ނަގާފައި އެވެ. އަދި އެންމެ މުހިންމު ސަރަހައްދު ކަމަށްވާ ޕާކިސްތާނު ބޯޑަރު ހިމެނޭ ކަންދަހާރު ޕްރޮވިންސް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާއިރު މިހާރު އެމީހުންގެ އަމާޒަކީ ވެރިރަށް ކާބުލް އާއި ތަރައްގީ ސިޓީތައް ހިފުމެވެ.

ތަޖުރިބާކާރުން ބުނަނީ އަފްގާނިސްތާނު ތޯލިބާނުންގެ އަތް ދަށަށް ގެންގޮސް އެމީހުން ވެރިކަމަށް އައުމަށް ދެން ގިނަ ދުވަސް ނުނަގާނެ ކަމަށެވެ.

ތޯލިބާނުން ބުނީ އަފްގާން ބިންތަކުގެ 85 ޕަސެންޓު އެމީހުންގެ އަތް ދަށަށް ގެންދެވިފައިވާ ކަމަށެވެ. އެކަމަކު އެކަން އެ ގައުމުގެ ސަރުކާރުން ދޮގު ކުރެ އެވެ.

ތޯލިބާނުން އަފްގާނިސްތާނަށް އަތް ގަދަކުރަން ފެށީ އެ ގައުމުގައި ތިބި ބޭރުގެ ސިފައިން އެގައުމުން ފައިބާކަން އިއުލާނު ކުރުމުންނެވެ. ހާއްސަކޮށް އެމެރިކާ ހުރިހާ ސިފައިން ފައިބާނެކަން އިއުލާނުކޮށްފައިވާއިރު އޮގަސްޓުގެ ނިޔަލަށް އެމެރިކާ ހުރިހާ ސިފައިން އަފްގާނުން ފައިބާ ނިމޭނެ އެވެ.

Like
Like Love Haha Wow Sad Angry