ރާއްޖޭގައި ދުއްވާ އަމިއްލަ އެންމު ބޮޑު އެއަރލައިން މެގަ މޯލްޑިވްސް އިން އިންޑިއާގެ ވެރިރަށް އާދިއްލީ (ނިއުދިއްލީ) އަށް ފެށުމަށް ހަމަޖެހިފައިވާ ދަތުރުތައް މި މަހުގެ 14 ގައި ފަށާނެ ކަމަށް އެ އެއަރލައިނުން ބުނެފިއެވެ.
އެ އެއަރލައިނުން ބުނީ އާދިއްލީއަށް ކުރާނީ ޑައިރެކްޓް (ސީދާ) ދަތުރުތައް ކަމަށާއި ދެކޮޅު ޓިކެޓުގެ އަގަކީ 389 ޑޮލަރު ކަމަށެވެ. އަދި ހަތްފާއަކު ތިން ފްލައިޓު މާލެއިން ދިއްލީއަށް އަދި ދިއްލީއިން މާލެއަށްވެސް ހަފުތާއަކު 3 ފްލައިޓު އޮންނާނެ ކަމަށެވެ.
ކޮންމެ ހަފްތާއެއްގެ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު މާލެއިން ދިއްލީއަށް ފުރާނީ މި ތިން ދުވަހުގެ ހަވީރު 3:15 ގައި އެއަރލައިނުގެ ފްލައިޓު 304 ގައި ކަމަށާއި ހަފްތާގެ ހުކުރު، އަންގާރަ އަދި އާދިއްތަ ދުވަހު ދިއްލީ އިން މާލެއަށް ކުރާ ދަތުރުތަކުގައި އުދުހޭނީ އެ އެއަރލައިނުގެ ފްލައިޓު 305 ކަމަށްވެސް މެގަ މޯލްޑިވްސް އިން ބުންޏެވެ.
ހުކުރު ދުވަސްތަކުގައި ދިއްލީ އިން ރާއްޖެއަށް އޮންނަ ފްލައިޓު ދިއްލީ އިން ފުރާނީ އެދުވަހުގެ ހެނދުނު 10:00ގައި އެވެ. އަންގާރަ ދުވަހާއި އާދިއްތަ ދުވަހު ދިއްލީއިން ރާއްޖެ އަންނަ ފްލައިޓު ދިއްލީ އިން ފުރާނީ އެ ދެ ދުވަހުގެ ހެނދުނު 8:45 ގައި އެވެ.
އެ އެއަރލައިނުގެ ފްލީޓުގައި ހިމެނޭ 800-737 މަރުކާގެ ބޮއޭން ބްރޭންޑުގެ ދެ ބޯޓު ބޭނުންކުރާ މި ދަތުރުތަކުގައި މި މަރުކާރުގެ ބޯޓުތަކުގައި ބިޒްނަސް ކްލާސްގެ 12 ސީޓާއި އިކޮނޮމީ ކްލާސްގެ 156 ސީޓު ހިމެނެއެވެ.
މި ދަތުރުތަކާއެކު އިންޑިއާގެ މުމްބާއީއަށްވެސް ސީދާ ދަތުރު ކުރަން ވަރަށް އަވަހަށް ފަށާނެ ކަމަށް މެގަ މޯލްޑިވްސް އިން ބުންޏެވެ.