ވިސާއާނުލާ އެމެރިކާއަށް ދަތުރުކުރެވޭ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ނުހިމެނޭކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
ޔޫއެސް ރޭޑިއޯ ނަމަކަށް ކިޔާ އޮންލައިން ސައިޓަކުން ފަތުރައިގެން އުޅޭ މި ޚަބަރާއި ގުޅޭގޮތުން އިމިގްރޭޝަނުން ބުނީ އެފަދަ އަސްލެއް ނެތް ވާހަކަތަކަށް ސަމާލުވުމަށް އެދޭ ކަމަށެވެ.
އެ ޚަބަރު ފޭސްބުކާއި ޓްވިޓަރގައި ގިނަ ބަޔަކު ޝެއަރ ކުރަމުން އަންނަ އިރު، ރާއްޖޭގެ ފޮރިން މިނިސްޓްރީންނާއި އިމިގްރޭޝަނުން ބުނީ ވިސާ ނެތި އެމެރިކާއަށް ދެވޭ ޤައުމުތަކުގައި ލިސްޓުގައި އޮތީ 38 ޤައުމު ކަމަށާއި އޭގެތެރޭގައި ގިނައީ ޔޫރަޕް ބައްރުގެ ޤައުމުތައް ކަމަށެވެ. އަދި އޭޝިޔާ ސަރަޙައްދުން ހިމެނެނީ ސިންގަޕޫރު އެކަނި ކަމަށެވެ.
އެއްވެސް ޤައުމެއްގެ ވިސާ ޕޮލިސީއަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށާއި އެފަދަ ބަދަލެއް އަންނަ ޙާލަތެއްގައި އެކަން ރަސްމީކޮށް އިޢުލާނު ކުރާނެ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.