ކޮވިޑް ވެކްސިން ޖަހައިގެން ނޫނީ ސައުދީ ރައްޔިތުންނަށް ގައުމުން ބޭރަށް ނުދެވޭގޮތް ހަދަނީ
ސައުދީ އަރަބިއްޔާގެ ރައްޔިތުން ގައުމުން ދަތުރު ކުރުމަށް ކޮވިޑް-19 ވެކްސިން ފުރިހަމަ ކުރަން ޖެހޭ ގޮތަން ހަދަން ނިންމައިފި އެވެ.
ސައުދީގެ އިންޓީރިއާ މިނިސްޓްރީން ބުނީ ސައުދީ ރައްޔިތުން ގައުމުން ބޭރަށް ދަތުރު ކުރަން ބޭނުންވާނަމަ ކޮވިޑް ވެކްސިންގެ ދެ ޑޯޒު ޖަހަން ޖެހޭނެ ކަމަށެވެ. މި ނިންމުމަށް އަމަލު ކުރަން ފަށާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެންނެވެ.
މި ފިޔަވަޅު އަޅަން ނިންމީ ގައުމުތަކުގެ ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވަމުން ދާނީ ރައްޔިތުންގެ ރައްކާތެރިކަމަށް ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
މި ގަވައިދަށް އަމަލު ކުރަން ނުޖެހޭ ބައެއްވެ އެވެ.
ސައުދީ އިންޓީރިއާ މިނިސްޓްރީން ބުނީ ވެކްސިން ޖަހާފައިވާ މީހުންނާއި އެކު 12 އަހަރުން ދަށުގެ ވެކްސިން ޖަހަން ނުޖެހޭ އުމުރުފުރާގެ ކުދިންނަށް ދަތުރު ކުރެވޭނެ ކަމަށެވެ. އަދި އަދި ކޮވިޑް ޖެހުނުތާ ހަ މަސްވެފައި ނުވާ މީހުންނަށް ދަތުރު ކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުންގެ ތެރެއިން ފުރަތަމަ ޑޯޒު ޖަހާފައިވާ ނަމަވެސް ގައުމުން ބޭރަށް ދަތުރު ކުރެވޭނެ ކަމަށް ބުނެ އެވެ.
ސައުދީގައި މިހާތަނަށް 20 މިލިއަން ކޮވިޑް ވެކްސިން ޑޯޒު ޖަހާފައިވެ އެވެ.