ޚަބަރު ފީތާ

ސަޢޫދީއަށް ދިން މިސައިލް ޙަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

ހޫތީ ސިފައިން، ސަޢުދީ ޢަރަބިއްޔާގެ ޢާންމު ރައްޔިތުންނަށް އަމާޒުކޮށް މައްކާއަށް ދިން މިސައިލް ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

އެ ޙަމަލާ ކުށްވެރިކުރައްވާ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފޮނުއްވެވި މެސެޖުގައި ވިދާޅުވެފައިވަނީ ރާއްޖެއިން ސަޢުދީ ޢަރަބިއްޔާއާއެކު އަބަދުވެސް ޘާބިތުކަންމަތީ ދެމިތިބޭނެ ކަމަށެވެ.

އަދި އެ ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއެކު ކަމުގައި ކަމަށާއި މި ޢަމަލަކީ އެމަނިކުފާނު ނުހަނު ނަފްރަތުވި ޢަމަލެއް ކަމުގައި ވިދާޅުވެފައިވެއެވެ. ސަޢުދީ ޢަރަބިއްޔާގައި މިހިނގި ޓެރަރިޒަމްގެ ފިނޑި ޢަމަލު، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާ ކަމަށްވެސް އެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ޘާބިތުކަންމަތީ ދެމިތިބޭނެ ކަމަށާއި މިކަމުގައި ސަޢުދީ ޢަރަބިއްޔާ އާއި ބައިނަލްއަޤްވާމީ ދުނިޔެއާއެކު ރާއްޖެއިން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާނެ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

އެމަނިކުފާނުގެ މެސެޖުގައި ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި ރާއްޖެއިން ސަޢުދީ ޢަރަބިއްޔާގެ އަމަން އަމާންކަން ދެމެހެއްޓުމަށް ކުރައްވާ މަސައްކަތުގައި އެއްބާރުލުން ދެއްވާނެ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

 

Rate this post