ގަވާއިދާ ޚިލާފުވި 3 ގެސްޓުހައުސްއެއްގެ ލައިސަންސް ސަސްޕެންޑު ކޮށްފި
ޓޫރިޒަމް މިނިސްޓްރީން ކުރިއަށް ގެންދާ އިންސްޕެކްޝަންތަކުގައި ގަވާއިދާ ޚިލާފުވި ކަމަށް ފާހަގަ ވި 3 ގެސްޓުހައުސްއެއްގެ ލައިސަންސް ސަސްޕެންޑު ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އޮޅުވާލައިގެން ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ޚިދުމަތް ދެމުން ދިޔަ މާލެ ސަރަހައްދުގެ ތިން ގެސްޓްހައުސް އެއްގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ދެކުނު އޭޝިއާގެ ފަތުރުވެރިންނަަށް ޚިދުމަތް ދިނުމުގައި އޮންނަ އުސޫލަށް އަމަލު ކުރަމުންދޭތޯ ބެލުމަށް އެ މިނިސްޓްރީން ކުރިއަށް ގެންދާ އޮޕަރޭޝަން ގައި ގަވާއިދާ ޚިލާފުވި ކަމަށް ފާހަގަ ވި މި ގެސްޓުހައުސް ތައް އިމިގްރޭޝަންގެ ލިސްޓުން އުނިކޮށްފައިވާ ކަމަށެވެ. އަދި ގެސްޓްހައުސް އޮޕަރޭޓް ކުރާ އިތުރު 3 ފަރާތްތަކަށް އިންޒާރު ދީފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ހުޅުމާލެ އަދި މާލޭގައި ހިންގަމުންދާ ގެސްޓް ހައުސްތަކެކެވެ.
ދެކުނު އޭޝިއާގެ ފަތުރުވެރިން އައުމަށް މި ޖުލައި މަހުގެ 15 ވަނަ ދުވަހު ދިން ހުއްދައާއެކު މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކާއި، މާފުށި އަދި އެހެނިހެން ރަށްތަކަށް އެ ސަރަހައްދުގެ ފަތުރުވެރިން ގިނަ ދުވަސްތަކަށް ދިޔަ ކަން ފާހަގަ ކުރެވުނު ކަަމަށް ޓޫރިޒަމް މިނިސްޓްރީން ފާހަގަޮށްފައި ވެއެވެ.
ކުރިއަށް އޮތްތަނުގައިވެސް ހޮޓާތަކާއި ގެސްޓް ހައުސްތައް ވަރަށް ގާތުން ބަލައި، އިންސްޕެކްޝަން ކުރިއަށް ގެންދާނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.
Following the ongoing inspection for compliance of accommodating tourists arriving from South Asia and adherence to Covid protocols Ministry has decided to suspend operating licence of 3 Guest Houses and have cautioned 3 Guesthouse Operators in the Greater Male' Area.
— Ministry of Tourism (@MoTmv) July 17, 2021
ވަކި އުސޫލެއްގެ ދަށުން ދެކުނު އޭޝިއާގެ ފަތުރުވެރިން މާލޭގައި މަޑުކުުރުމަށް ހުއްދަ ދީފައިވާ އިރު، އެގޮތުން އެފަދަ ފަތުރުވެރިންނަށް މާލޭގެ ގެސްޓްހައުސްތަކުގައި މަޑުކުރެވޭނީ ފުރުމަށްޓަކައި ޓްރާންސިޓް ވުމަށް އެކަންޏެވެ. އަދި އެއީ އެ ފަތުރުވެރިން 48 ގަޑިއިރަށް ވުރެ އިތުރު ނުވާ ގޮތަށް ތިބުމަށް ދީފައިވާ ހުއްދަ އެކެވެ.
ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކިންގ ކުރުމަށް ހުޅުވާލަން ނިންމީ ޖުލައި 30 ވަނަ ދުވަހު އެވެ.