
ކުޅުދުއްފުށި ސިޓީއަކީ މުޅި ރީޖަންގައި މުހިންމު ދައުރެއް އަދާކުރާ ސިޓީއެއް: ރައީސް ސޯލިހު
ކުޅުދުއްފުށި ސިޓީއަކީ މުޅި ރީޖަންގައި މުހިންމު ދައުރެއް އަދާކުރާ ސިޓީއެއް ކަމަށާއި، އަދި ޚާއްޞަކޮށް ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތް މަތިކުރުމަށް ޚާއްޞާ ސަމާލުކަމެއް ސަރުކާރުން ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ނެވެ. މި މަޝްވަރާ ބައްދަލުވުން ބާއްވަވާފައި ވަނީ މިއަދު ހަވީރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިންނާ މިއަދު ބޭއްވެވި މަޝްވަރާބައްދަލުވުމުގައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިން ވަނީ ހޮސްޕިޓަލްގެ ޚިދުމަތްތައް ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތް މުޅި އަތޮޅުގެ ރައްޔިތުން ބަލައިގަންނަކަން ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރީޖަނަލް ހޮސްޕިޓަލުގެ ފަރާތުން ވަނީ ހޮސްޕިޓަލުގެ ފެންވަރު މަތިކޮށް ޚިދުމަތްތައް ފުޅާކުރުމަށް މިހާރު ކުރިޔަށްދާ މަސައްކަތްތަކުގެ ފަހުގެ މަޢުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވައި ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފަ އެވެ. މީގެ އިތުރުން ހޮސްޕިޓަލަށް މި ވަގުތަށް އެންމެ މުހިންމު ކަންކަމާއި ޚިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން ހޮސްޕިޓަލުގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައި ވެއެވެ. އޭގެ ތެރޭގައި ޕްރައިވެޓް ރޫމް ހުރުމުގެ މުހިންމުކަމާއި، އަދި އޯޕީޑީގައި ހުރި ދަތިތަކާއި ކޮވިޑް ފެސިލިޓީއެއް ހުރުމުގެ މުހިންމުކަން ހޮސްޕިޓަލުގެ ފަރާތުން ފާހަގަކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކުޅުދުއްފުށި ސިޓީއަކީ އެ ސަރަޙައްދުގައި ފުޅާދާއިރާއެއްގައި ޚިދުމަތް ފޯރުކޮށްދޭ މުހިންމު ތަނެއްކަން ފާހަގަކުރެއްވި އެވެ. އަދި ޚާއްޞަގޮތެއްގައި ރީޖަނަލް ހޮސްޕިޓަލަށް ސަރުކާރުން ޚާއްޞަ ސަމާލުކަން ދެއްވާކަން ފާހަގަކުރައްވައި ރާއްޖޭގެ 5 ސަރަޙައްދުގައި 5 ޓާޝަރީ ހޮސްޕިޓަލް ޤާއިމުކުރުމުގެ ބޭނުމުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ.
އެގޮތުން މިކަމުގެ ސަބަބުން ޞިއްޙީ ޚިދުމަތްތައް ހޯދުމަށް މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެގެންދިއުމާއެކު އިތުރު އެތައް ފައިދާތަކެއް ވާނެކަމަށާއި އޭގެ ހެޔޮބަދަލުތައް މިހާރުވެސް ފެންނަން ފަށާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހޮސްޕިޓަލްގެ ތަރައްޤީއަށް ކުރެވެމުންދާ މުހިންމު މަސައްކަތްތަކުގެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރައްވާފަ އެވެ. އެގޮތުން ކުޅުދުއްފުށީގެ އައު ޓާޝަރީ ހޮސްޕިޓަލުގެ ޚިދުމަތް ފެށުމުގެ ކުރިންވެސް ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކޮށް ފެންވަރު މަތިކުރުމަށް ސަރުކާރުން އިސްކަން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތްތައް ޓާރޝަރީ ފެންވަރަށް މަތިކުރުމަށް ކުރިޔަށްގެންދާ މަސައްކަތްތަކުގެ ދަށުން އެ ހޮސްޕިޓަލުގައި މިހާރު އަންނަނީ 30 އެނދުގެ ވޯޑެއް ހެދުމާއި 6 އެނދުގެ އައިސީޔޫއެއް ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދަމުން ނެވެ. މި މަޝްރޫއާއެކު ރީޖަނަލް ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމަށް ޙައްލު ލިބިގެންދާނެ އެވެ.
މީގެ އިތުރުން ގިނަ އައު ޚިދުމަތްތަކެއް އެ ހޮސްޕިޓަލުގައި ވަނީ ތަޢާރަފުކޮށްފަ އެވެ. އެގޮތުން އެމްއާރުއައިގެ ޚިދުމަތާއި ސީޓީ ސްކޭން، ސްޕީޗް ތެރެޕީގެ ޚިދުމަތް ފަދަ ގިނަ އައު ޚިދުމަތްތައް އެ ހޮސްޕިޓަލުގައި ވަނީ ފަށާފަ އެވެ. އަދި ކުޅުދުއްފުށީގެ އައު ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ ޕްރޮޖެކްޓް މިހާރު އޮތީ ޓެންޑަރ ކުރުމަށް ހުޅުވާލުމުގެ މަރުޙަލާގަ އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިންނާ އެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އެކި ޚިދުމަތްތައް ދޭ ތަންތަނަށް ޒިޔާރަތްކުރައްވައި އެ ހޮސްޕިޓަލުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ބައްލަވާލައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ކުޅުދުއްފުށްޓަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ކުޅުދުއްފުށި ސިޓީ، ހދ. ކުމުންދޫ އަދި ހދ. ހަނިމާދޫއަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ނެވެ.
ރައީސުލްޖުމްހޫރިއްޔާ ދެކަނބަލުންގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.