
“އިސްލާމްދީނާއި މެދު ޝައުގުވެރިވީ ގްރޭޑް އަށެއްގައި ކިޔަވަމުން ދަނިކޮށް”. ކްރިސްޓޮފާ ސެލްޓަސް.
އަހަރެން އިސްލާމްދީނާއި މެދު ޝައުގުވެރިވީ ގްރޭޑް އަށެއްގައި ކިޔަވަމުން ދަނިކޮށެވެ. އަހަންނަށް އިސްލާމްދީނުގެ ވާހަކަ ފުރަތަމަ އަށް އަޑުއިވުނީ އަހަންނާއި އެއް ކުލާހެއްގައި ކިޔަވަމުންދިޔަ ކުއްޖެއް ކަމުގައިވާ ރަފައެލްގެ ފަރާތުންނެވެ. އޭނާ އަކީ މުސްލިމެކެވެ. އެއިރު އިސްލާމްދީނާއި ބެހޭ މާ ގިނަ ކަންތައްތަކެއް އޭނާ އަކަށް ނޭނގެއެވެ. ނަމަވެސް އިސްލާމްދީނާއި ބެހޭގޮތުން އޭނާ ދެއްކި މަދު ވާހަކަތަކުން އެ ދީނަށް އަހަރެން ޝައުގުވެރިވިއެވެ.
ދެން އިސްލާމްދީނާއި ބެހޭ ގޮތުން އަހަންނަށް އިތުރަށް އެނގުނީ ލިއޮނާޑް ނަމަކަށް ކިޔާ މުސްލިމް ކުއްޖެއްގެ ފަރާތުންނެވެ. އޭނާ އަހަންނަށް ކިޔައިދިން ވާހަކަތަކުން އިސްލާމްދީނަށް އަހަރެންގެ ހިތުގައި އޮތް ޝައުގުވެރިކަން އިތުރުވެގެން ދިޔައެވެ. ނަމަވެސް އޭނާ އަށް ވެސް އެނގެނީ އިސްލާމްދީނާއި ބެހޭގޮތުން ވަރަށް މަދު މިންވަރެކެވެ. ދެން އަހަންނަށް އިސްލާމްދީނާއި ބެހޭ ގޮތުން ގިނަ މައުލޫމާތުތަކެއް އެނގެން ފެށީ ގްރޭޑް 10 ގައި އުޅެނިކޮށެވެ.
އެ އަހަރު ޖިއޮމެޓްރީ ކްލާސް ކުރިއަށްދާއިރު އަހަންނާއި ލިއޮނާޑް އާއި ދެމީހުން ތިބެނީ ދުނިޔޭގައި މިހާރު އޮތް ބޮޑެތި މައްސަލަތަކުގެ ވާހަކަ ދައްކާށެވެ. އަހަރެމެން ހުރިހާ ނުބައެއްގެ އިލްޒާމް އެޅުވީ ދޮން މީހުންގެ ބޮލުގައެވެ. އަދި އަހަރެމެން ރަނގަޅު މީހުން ކަމަށް ނިންމީ ކަޅު ނަސްލުގެ މީހުންނެވެ. އޭރު އަހަރެންގެ ވިސްނުން ހުރި ގޮތުން އަހަންނަށް ގަބޫލުކުރެވުނީ އިސްލާމްދީނަކީ ހަމައެކަނި ކަޅު ނަސްލުގެ މީހުންގެ ދީން ކަމަށެވެ. އަހަރެމެންގެ ވާހަކަތައް ހުރީ އިސްލާމްދީނުގެ ކުޑަ މިންވަރެއްގެ މައްޗަށް ބިނާކޮށެވެ.
ދުވަސްތައް އެހެން ފާއިތުވަމުން ގޮސް އަހަރެންގެ ކަޅު ނަސްލުގެ ވިސްނުމާއި އިސްލާމްދީނުގެ ވާހަކަތައް މަތިން އަހަރެން ފޫހިވާގޮތް ވިއެވެ. އަހަންނަށް ފަހުން ވިސްނުނީ އިސްލާމްދީން ކަމަށް ބުނެ ހުރިހާ ދޮން މީހުންނަށް ނަފްރަތު ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އެހެން އަހަރެންގެ ވިސްނުން ހުއްޓައި އަހަރެން ކްރިސްޓިއަން ދީން ދޫކޮށްލިކަން އިއުލާނުކުރީމެވެ. އެ ދީނުގެ ތެރޭގައި ހުރި އަހަންނަށް ގަބޫލުނުކުރެވޭ ކަންތައްތަކުގެ ސަބަބުން އަހަރެން އެ ދީން ދޫކޮށްލައި އެއްވެސް ދީނެއް ގަބޫލުނުކުރާ މީހަކަށް ބަދަލުވީމެވެ.
ޖެހިގެން އައި އަހަރު އަހަރެންގެ އެކުވެރިންތަކަކާއެކު ދީނުގެ ވާހަކަތަކެއް ދައްކަމުން ދަނިކޮށް އެތަނަނުން އެއް އެކުވެރިއަކު ހަތިމެއް ހޯދުމަށް އަހަންނަށް ނަސޭހަތްތެރިވިއެވެ. އަހަރެން ގޮސް ފޮތް ފިހާރައިން ހަތިމެއް ގަތީމެވެ. ނަމަވެސް އެތަނުގައި ހުރީ އެހާ ރަނގަޅު ތަރުޖަމާތަކެއް ނޫނެވެ. ކޮންމެއަކަސް އެއީ އިސްލާމްދީނާއި ބެހޭ ހަގީގަތްތައް އަހަންނާއި ހިސާބަށް އަންނަން ހުޅުވުނު ދޮރެވެ.
ގުރުއާނުން އަހަންނަށް ދަސްވީ އަހަރެން ގަބޫލުކުރީ މުޅިއަކުން ރަނގަޅަށް ނޫން ކަމެވެ. ހުރިހާ އިންސާނުންވެސް އުފަންވަނީ އެއް ފެންވަރެއްގައި ކަމެވެ. އެއީ ނަސްލީ ގޮތުން ކަޅެއް ދޮނެއް ތަފާތު ކުރެވެން އޮންނަ ކަމެއް ނޫން ކަމެވެ. ހުރިހާ ވެސް ތަފާތެއް އަންނަނީ އަމަލުތައް ހުންނަ ގޮތުން ކަމެވެ. އެ ކަންތައްތަކާއި އަދި އަހަންނަށް ދަސްވި އިތުރު ކަންތައްތަކާއެކު މުސްލިމެއްގެ ދިރިއުޅުން ހުންނަ ގޮތަށް އަހަރެންގެ ދިރިއުޅުން ބައްޓަން ކުރަން ފެށީމެވެ. ނަމަވެސް އެއިރު އަހަންނެއް ޝަހާދަތް ކިޔައި މުސްލިމް ނުވަމެވެ.
ނަމަވެސް އަހަރެންގެ އަމަލުތައް ބެހެއްޓުނީ މުޅިއަކުން އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަކަށެއް ނޫނެވެ. ސަބަބަކީ އަހަރެންގެ މަންމަ މަނާކޮށްފައިވާތީ އަހަންނަށް މިސްކިތަކަށް ގޮސް އަޅުކަން ކުރާނެ ގޮތްވެސް ދަސްވެފައި ނެތީމައެވެ. ދުވަސްތައް އެހެން ފާއިތުވަމުން ދަނިކޮށް އަހަންނަށް އަބްދުﷲ ޔޫސުފް އަލީ ތަރުޖަމާ ކޮށްފައިވާ ގުރުއާނުގެ ކޮޕީއެއް ލިބުނެވެ. އެހާ ހިސާބުން އަހަރެންގެ ލޯ އިތުރަށް ހުޅުވީ ނޭނގި ހުރި އިތުރު ކަންތައްތަކެއް އެނގިގެން ދިޔައެވެ.
އެ ދުވަސްކޮޅު އަހަރެންގެ މަންމަ ދިޔައީ އަހަރެން އިސްލާމްވުމަށް ކުރި ހުރިހާ މަސައްކަތަކަށް ހުރަސް އެޅުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންނެވެ. ޗާޗްގެ ފާދިރީ ކައިރިއަށް އަހަރެން ގޮވައިގެން ތިން ފަހަރެއްގެ މަތިން ދިޔައެވެ. އަދި އަހަންނަށް ބައެއް ކަންތައްތައް މަނާވެސް ކުރިއެވެ. ނަމަވެސް އަހަރެން ދިޔައީ ފޮތްތައް ހޯދައިގެން އިތުރަށް އިސްލާމްދީން އުނގެނެމުންނެވެ.
އޭގެން ފޮތަކުން ރަނގަޅަށް ނަމާދު ކުރާނެ ގޮތް އަހަރެން ދަސްކުރީމެވެ. ނަމަވެސް އަހަރެންގެ މަންމަ ދިޔައީ ކްރިސްޓިއަން ދީނާއި ދިމާލަށް އަހަރެން އަނބުރާލުމަށް އަވަދިނެތި މަސައްކަތް ކުރަމުންނެވެ. އަހަރެންގެ މަންމަ އާއި އަހަންނާއި ދެމެދު ދީނާއި ގުޅޭގޮތުން ދެކެވުނު ވާހަކަތަކަށް ފަހު އަހަރެންގެ މަންމަ އަހަރެން ގެއިން ބޭރު ކޮށްލަން ނިންމިއެވެ. އެއިރު އަހަރެންގެ މަންމަ އާއި ބައްޕަ ވަރިވެގެން އުޅެމުންދިޔައީ ވަކިވަކިންނެވެ. ސްކޫލުން ގްރެޖުއޭޓް ވުމަށް ފަހު އަހަރެން ބައްޕަ ކައިރިއަށް ބަދަލުވީމެވެ. އަހަރެން އިސްލާމްދީނަށް ވަނުމާއި މެދު ބައްޕަގެ އެއްވެސް ޝަކުވާއެއް ނެތެވެ.
އަހަންނަށް ގަބޫލުކުރެވުނީ އަހަރެންގެ ބައްޕަ އާއި މަންމަ ވަރިވުމަކީ އަހަންނަށް ލިބުނު ނިއުމަތެއްގެ ގޮތުގައެވެ. އެކަމުގެ ސަބަބުން އިސްލާމްދީން ދިރާސާކޮށް މިނިވަންކަންމަތީ އަޅުކަން ކުރުމަށް އަހަންނަށް ފުރުސަތު ލިބުނެވެ. އަހަރެންގެ ބައްޕަގެ އެއްވެސް ޝަކުވާއެއް ނެތެވެ.
އެއް ދުވަހަކު އަހަރެމެން ދިރިއުޅެމުން ދިޔަ ސަރަހައްދުގައި ހުންނަ އިސްލާމިކް ލާނިން ސެންޓާއަށް އަހަރެން ގުޅީމެވެ. އަދި އިސްލާމްދީން ދަސް ކުރުމަށް އަހަރެން ޝައުގުވެރިވާ ވާހަކަ ބުނީމެވެ. އެ ތަނުން އަހަންނާއި ވާހަކަ ދެއްކީ މުސްތަފާ ނަމަކަށް ކިޔާ މީހެކެވެ. މުސްތަފާ އެދުނީ އެ ސެންޓަރަށް އަހަރެން އައުމަށެވެ. އަހަރެން އިސްލާމްދީން އިތުރަށް އުނގެނުމަށް އެ ސެންޓަރަށް ދިޔައީމެވެ. އަހަންނަށް ފެނުނީ އެތަނުން ދިމާވި އެންމެންވެސް އަހަރެން ފެނުމުން އުފާވެފައި ތިބި މަންޒަރެވެ. އަދި އެމީހުން އެއްބަޑު އެއްބަފާ މީހެއްހެން އިހުތިރާމާއެކު އަހަންނަށް އިސްލާމްދީން އުނގަންނައިދޭން ތިބި މަންޒަރެވެ.
މުސްތަފާ ދަސްކޮށްދިން ކަންތައްތަކާއެކު ތިން ހަފްތާ ވަންދެން ހުކުރު ނަމާދަށް ދިއުމަށް ފަހު އަހަރެން އިސްލާމްދީން ގަބޫލުކޮށް މުސްލިމް ވުމަށް ނިންމީމެވެ. ޝަހާދަތް ކިޔައި މުސްލިމް ވުމަށް ފަހު މިއަދާއި ހަމައަށްވެސް އަހަރެން މިހިރީ އިސްލާމް ކަންމަތީއެވެ. ހައްގު ފެނި އެއަށް ފަސް އެނބުރި ނުދާން އަހަރެން މިހިރީ އަޒުމް ކަނޑައަޅައިގެންނެވެ. އަހަރެން ކަޅު ނަސްލަށް ނިސްބަތްވާތީ އަހަންނާއި ދޮން މީހުންނާއި ތަފާތު ނުކުރާ ދީނަކަށް އަހަރެން ފަސް އެނބުރެން ޖެހޭ ސަބަބެއް ނެތެވެ. އެންމެން ހަމަހަމައެވެ. ތަފާތު ވަނީ ކުރާ އަމަލުތަކުގެ ސަބަބުންނެވެ.