ޔޫރޯ 2020: އިންގްލެންޑް ރޮއްވާލައި، އިޓަލީން ޔޫރަޕުގެ ޗެމްޕިއަންކަން ހޯދައިފި
ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިޓަލީން ހޯދައިފިއެވެ.
އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެޓީމު 1-1 އިން އެއްވަރުވެފައި އޮވެގެންނެވެ. ނަތީޖާ ނެރުމަށް ކުޅުނު އިތުރު 15 މިނެޓުގެ ދެހާފުގައިވެސް ނަތީޖާ ބަދަލުކޮށް ނުލެވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި އިޓަލީ ކުރި ހޯދީ 2-3 ގެ ނަތީޖާއިންނެވެ.
ފައިނަލް މެޗު ފެށިގެން ރަނގަޅަށް ކުޅެމުން އައީ އިންގްލެންޑުންނެވެ. އެގޮތުން މެޗު ފެށިގެން ދެވަނަ މިނެޓުގައި އިންގްލެންޑުން ވަނީ ލަނޑު ޖަހާ ލީޑުނަގާފައެވެ.
މި ލަނޑު އިންގްލެންޑަށް ކާމިޔާބު ކޮށްދިނީ ލޫކް ޝޯއެވެ. ޝޯގެ ލަނޑާއި އެކުވެސް މޮޅަށް ކުޅެމުން އައީ އިންގްލެންޑުންނެވެ. އެހެން ނަމަވެސް މެޗުގެ ފަހު ފަނަ މިނެޓަށް ދިޔައިރު، އިޓަލީން ވަނީ މެޗުގެ ކޮންޓްރޯލް ހޯދާފައެވެ.
އެގޮތުން ފުރަތަމަ ހާފްގައި އިޓަލީގެ އެންމެ ރަނގަޅު ފުރުސަތު ތަނަވަސްކުރީ ފެޑަރީކޯ ޗިއޭސާއެވެ. އެހެން ނަމަވެސް، ޗިއޭސާ ދުރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލްގެ އަރިމަތީ ދަނޑިކަރިން ބޭރަށެވެ. އޭގެ ފަހުން ވެސް އިޓަލީގެ ހަމަލާއެއް ފެނިގެން ދިޔައިރު، މިފަހަރު އިމޯބިލޭ ފޮނުވާލި ހަމަލާ ދިޔައީ އިންގްލެންޑުގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ބޭރަށެވެ.
އިންގްލެންޑުން ކުރީގައި އޮވެގެން މެޗުގެ ފުރަތަމަ ހާފު ނިންމާލިނަމަވެސް
އިޓަލީން ވަނީ މެޗުގެ 67 މިނެޓުގައި ލަނޑުޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. އިޓަލީއަށް ނަތީޖާ އެއްވަރު ކޮށްދިން ލަނޑު ޖަހައިދިނީ އިޓަލީގެ ޑިފެންޑަރު ބޮނޫޗީއެވެ.
އެ ގޯލަށްފަހުވެސް ރަނގަޅަށް ކުޅެމުން ދިޔައީ އިޓަލީންނެވެ. އެހެން ނަމަވެސް ނަތީޖާއަށް ބަދަލެއް ނައިސް މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނެނެވެ. އެގޮތުން ދެން ކުޅުނީ އިތުރު ވަގުތުގެ 30 މިނެޓެވެ. މި 30 މިނެޓުގައިވެސް ނަތީޖާ ބަދަލެއް ނުކުރެވުނެވެ. ދެން މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީންނެވެ.
ދެޓީމުންވެސް ފުރަތަމަ ޖެހި ޕެނަލްޓީ ވައްދާލި ނަމަވެސް އިޓަލީން ދެވަނަ ޕެނަލްޓީ އިންގްލެންޑް ގޯލްކީޕަރު ޕިކްފޯޑު މަތަކުރިއެވެ. އިންގްލެންޑްގެ ދެވަނަ ޕެނަލްޓީ މެގުއާ ވައްދާލައި، އިންގްލެންޑަށް އުންމީދު އާކޮށްދިނެވެ. އިޓަލީގެ ތިންވަނަ ޕެނަލްޓީ ބޮނޫޗީ ކާމިޔާބު ކުރިނަމަވެސް އިންގްލެންޑް ރަޝްފޯޑު ޖެހި ޕެނަލްޓީއާއި ސަންޗޯ ފޮނުވާލި ޕެނަލްޓީ ވީ ނާކާމިޔާބެވެ. އެއާއި އެކު އިޓަލީއަށް އުންމީދު އާވިއެވެ. ނަމަވެސް ބާނަޑޭސްކީގެ ޕެނަލްޓީ ކާމިޔާބު ކުރިނަމަވެސް ޖޯޖީނިއޯ ފޮނުވާލި ޕެނަލްޓީ އިންގްލެންޑުގެ ކީޕަ ޕިކްފޯޑް މަތަކުރިއެވެ. އިޓަލީއަށް ކާމިޔާބު ލިބުނީ ކާސާ ފޮނުވާލި ޕެނަލްޓީ އިޓަލީގެ ކީޕަރު ޑޮންނަރުންމާ ނަތަކުރުމުންނެވެ.
ޕެނަލްޓީގައި އިންގްލެންޑު ބަލިކޮށް މުބާރާތުގެ ތަށި އިޓަލީން ނެގހިއިރު، މިއީ އިޓަލީ މި މުބާރާތުގެ ތަށި އުފުލާލި ދެވަނަ ފަހަރެވެ. އެޓީމުން އެންމެ ފުރަތަމަ މި މުބާރާތުގެ ތަށި ނެގީ 1968 ވަނަ އަހަރުގައެވެ.