
އިތުރު ސިޔާސީ ޕާޓީއެއް އުފައްދާ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ޢަބްދުﷲ ރިޔާޒު ޖޭޕީ އާ ދުރަށް!
އިތުރު ސިޔާސީ ޕާޓީއެއް އުފައްދާ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ޢަބްދުﷲ ރިޔާޒު ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ދުރަށް ޖެހިވަޑައިގެންފި އެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުގެ މަގާމު ވެސް އަދާ ކުރެއްވި ޢަބްދުﷲ ރިޔާޒު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ޖޭޕީން ވަކިވެވަޑައިގަންނަވަނީ ސިޔާސީ ޕާޓީއެއް އުފައްދައިގެން ދިވެހި ގައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ނިންމާފައިވާތީ ކަމަށެވެ.
އެހެންވެ، މިއަދުން ފެށިގެން އެ ޕާޓީގެ މެމްބަރުކަމުން ވަކިވާ ކަމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޢަބްދުﷲ ރިޔާޒު ވިދާޅުވި އެވެ.
”މި ފުރުސަތުގައި މަނިކުފާނާއި ޖުމްހޫރީ ޕާޓީގެ އެންމެހައި މެމްބަރުންގެ ފަރާތުން އަޅުގަނޑަށް ވެވަޑައިގެންނެވި އެންމެހައި އެހީތެރިކަމާއި އެއްބާރުލުމަށް ހިތުގެ އެންމެ ފުންމިނުން އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ،“ އަބްދުﷲ ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ޖޭޕީން ވަކިވެވަޑައިގަންނަވާފައި މިވަނީ ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާރނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް އިސްވެ ހުންނަވައި ސިޔާސީ ޕާޓީއެއް އުފައްދަން އުޅޭކަން ހާމަކުރައްވާ، 3،000 ސޮއި ހޯއްދަވާފައިވަނިކޮށެވެ.