ކޮވިޑާއި ގުޅިގެން އެނދުމަތިކޮށް ދެވޭ ފަރުވާތަކަށް ދިވެހިން އަދި ބިދޭސީން ފައިސާ ދައްކަން ނުޖެހޭނެ: އައިޖީއެމްއެޗް
ކޮވިޑް އާއި ގުޅިގެން އެނދުމަތިކޮށް ދެވޭ ފަރުވާތަކަށް ދިވެހިން އަދި ބިދޭސީން ފައިސާ ދައްކަން ނުޖެހޭނެ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފި އެވެ.
އެ ހޮސްޕިޓަލުން މިހެން ބުނީ ކޮވިޑް އާއި ގުޅިގެން އެނދުމަތިކުރެވިފައިވާ ބިދޭސީއެއްގެ ބިލަށް އެރި ފައިސާ މާފުކޮށްދީފައިވާކަމަށް މީސް މީޑިއާގައި ދެކެވެމުންދާ ވާހަކައާއި ގުޅިގެން ކޮށްފައިވާ ޓްވީޓެއްގަ އެވެ.
ކޮވިޑް އާއި ގުޅިގެން އެނދުމަތިކުރެވިފައިވާ ބިދޭސީއެއްގެ ބިލަށް އެރި ފައިސާ މާފުކޮށްދީފައިވާކަމަށް މީސް މީޑިއާގައި ދެކެވެމުންދާ ވާހަކައާއި ގުޅިގެން ދަންނަވަން.
ކޮވިޑް އާއި ގުޅިގެން އެނދުމަތިކޮށް ދެވޭ ފަރުވާތަކަށް ދިވެހިން އަދި ބިދޭސީން ފައިސާ ދައްކަން ނުޖެހޭނެވާހަކަ ދަންނަވަމެވެ.
— IGMH (@igmhmv) July 9, 2021
ރާއްޖޭގެ އޮންލައިނެއްގައި ބުނެފައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެ ހާލު ދެރަވުމުގެ ސަބަބުން އައިޖީއެމްއެޗްގައި އެނދުމަތި ކުރެވި 2 މަސްދުވަސް ވަންދެން ފަރުވާ ދެމުން އައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސަހާނާގެ ހޮސްޕިޓަލް ބިލަށް އަރާފައިވާ 284،000 ރުފިޔާ އައިޖީއެމްއްޗް އިން މާފުކޮށްދީފައިވާ ކަމަށެވެ.
ކޮވިޑް-19 ގެ ސަބަބުން ވިލިމާލޭގައި ދިރިއުޅޭ 31 އަހަރުގެ ސަހާނާ އަކީ ވިލިމާލޭގެ ގެއްގައި އުމުރުން ދުވަސްވީ މީހަކު ބެލުމަށް، މީގެ އަހަރުތަކެއް ކުރިން ގެނެސްފައިވާ މީހެކެވެ.
އޭނާގެ ފިރިމީހާއާއެކު ރާއްޖޭގައި އުޅެނިކޮށް އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ ރޯދަމަސް ނިމި ހަ ރޯދައިގެ ތެރޭގަ އެވެ.
ކޮވިޑްގެ ސަބަބުން އޭނާގެ ހާލު ސީރިއަސްވެ ބަނޑަށް ހަތް މަހުގައި ވަނީ އޭނާގެ ކުޑަ ދަރިފުޅުވެސް ނަގަން ޖެހިފައެވެ. ސަހާނާ އަށް އައިޖީއެމްއެޗްގައި އެނދުމަތިކުރެވި ފަރުވާ ދެމުން އަންނަތާ މިހާރު ދެމަސްދުވަހާއި ގާތް ވެފައިވާއިރު، އޭނާއަށް ދެވުނު ފަރުވާއަށް 194،000 ރުފިޔާ އަރާފައިވާއިރު، އޭނާގެ ކުޑަ ދަރިފުޅަށްވެސް އައިސީޔޫގައި ފަރުވާ ދިން ބިލަށް 90،000 ރުފިޔާ އަރާފައި ވެއެވެ.