ޚަބަރު ފީތާ

ފައިޒާ އަދި މޮޑާނާ ވެކްސިން ޖަހާފައިވާ ފަރާތްތަކަށް އުންމީދީ ވާހަކަތަކެއް

ފައިޒާ އަދި މޮޑާނާގެ ކޮވިޑް19 ވެކްސިން ޖަހާފައިވާ ފަރާތްތަކަށް އެތައް އަހަރުތަކެއް ވަންދެން ކޮރޯނާ ވައިރަހުން ރައްކާތެރިކަން ލިބިދާނެ ކަމަށް އަލަށް ހެދި ދިރާސާތަކުން ދައްކައިފިއެވެ.

ސިއްޙީ ހަބަރުތައް ގެނެސްދޭ ނޫސް އެޖެންސީއަކާއި ހަވާލާދީ އަލްއަރަބިއްޔާގައި ބުނެފައިވާ ގޮތުގައި، އެމެރިކާގެ ވޮޝިންޓަން ޔުނިވާސިޓީ ސްކޫލް އޮފް މެޑިސިންގެ ސައިންސްވެރިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، މިދެވެކްސިން ކޮވިޑް ވައިރަހާއި ދެކޮޅަށް ހަށިގަނޑުގައި ދިގުދެމިގެންދާފަދަ އުސޫލަކުން ދިފާއީ ނިޒާމު ވަރުގަދަ ކޮށްދެއެވެ. އަދި މިހާރު ފެނިފައިވާ ވޭރިއަންޓްތަކަށް ވުރެ ވަރުގަދަ އިތުރު ވޭރިއަންޓް ނުފެންނަ ނަމަ ކޮވިޑުން ދިފާއު ވުމަށް ފައިޒާ އަދި މޮޑާނާ ވެކްސިން ޖަހާފައި ތިބި ފަރާތްތަކަށް އިތުރު ބޫސްޓަރ ޑޯޒެއް ބޭނުމެއް ނުވާނެއެވެ.

ދިރާސާގައި ބައިވެރިވި ފަރާތްތަކުގެ ކަރުން ނެގި ސާމްޕަލްތަކަށް ބަލައި، ވެކްސިންގެ ސަބަބުން ދިފާއީ ނިޒާމަށް އަންނަ ބަދަލުތަކާއި، ކޮވިޑުން ރައްކާތެރި ކުރުމަށް ދިފާއީ ނިޒާމު ތައްޔާރުކުރާގޮތް ސައިންވެރިން ވަނީ މޮނިޓަރކޮށް ބަލާފައެވެ. މިދިރާސާ ހިންގުމަށް 14 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

ދިރާސާ ކުރުމުގައި ސައިންޓިސްޓުންގެ ޓީމްގައި އެންމެ އިސްކޮށް ހުރި ޑރ. އަލީ އެލްއެބްދީ ވިދާޅުވެފައި ވަނީ، މިދެވެކްސިންގެ ސަބަބުން ކޮރޯނާ ވައިރަހުން ހަށިގަނޑަށް ދިގު މުއްދަތަކަށް ރައްކާތެރިކަން ފޯރުކޮށްދޭކަން އެއީ ވަރަށްވެސް އުންމީދީ ހެޔޮ ފާލެއް ކަމަށެވެ. އަދި 4 މަހަށް ވުރެ ގިނަ ދުވަހަށް ވެކްސިންގެ އަސަރު ހުންނަކަން ސާބިތުވުން އެއީ ވަރަށްވެސް އުފާވެރި ހަބަރެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ޑރ. އެލްއެބްދީ އިތުރަށް ބުނެފައި ވަނީ ޖޯންސަން އެންޑް ޖޯންސަންގެ ޖެންސެން ވެކްސިންއަށް މިދިރާސާ އަދި ކޮށްފައި ނުވާނެ ކަމަށާއި، އަދި މޮޑާނާ ވެކްސިންއަށް ވުރެ ޖޯންސަންގެ ވެކްސިންއިން ވައިރަހަށް ކުރާ އަސަރު ކުޑަވާނެ ކަމަށް ލަފާކުރާ ކަމަށެވެ.

މިދިރާސާއިން ދައްކާ ގޮތުގައި ކޮވިޑް ޖެހި ރަނގަޅު ވެފައިވާ ފަރާތްތަކަށް ވެކްސިން ދިނުމުން ވެކްސިންގެ އަސަރު 8 މަސްދުވަހަށް ހުންނަ ކަމަށާއި، ދިފާޢީ ނިޒާމުގެ ސެލްތައް ވަރުގަދަކޮށް މިސެލްތައް އިންސާނާގެ ބޯން މެރޯ ތެރޭގައި 8 މަސް ވަންދެން ހުންނަ ކަމަށެވެ. އެހެންކަމުން ވެކްސިންގެ 2 ޑޯޒަށް ފަހު އަހަރުތަކެއް ވަންދެންވެސް ކޮވިޑް ވައިރަހުން ރައްކާތެރިކަން ލިބޭނެކަމަށް ފެންނަ ކަމަށް ސައިންވެރިންނާއި ހަވާލާދީ ނިއުޔޯކް ޕޯސްޓްގައި ވެސް ބުނެފައިވެއެވެ.

އެހެންނަމަވެސް ފައިޒާ އަދި މޮޑާނާ ވެކްސިންގެ އަސަރު ދިގު މުއްދަތަކަށް ލިބިގެންދަނީ ހަމައެކަނި މިހާރު ފެނިފައިވާ ކޮވިޑް ވޭރިއަންޓު ތަކަށެވެ. މިއަށްވުރެ ބާރުގަދަ އިތުރު އައު ވޭރިއަންޓް ފެނިއްޖެނަމަ މިއަސަރު ފެނިދާނެ ކަމާމެދު ޝައްކު އުފެދޭކަމަށް ދިރާސާކުރި ޓީމުން ވަނީ ބުނެފައެވެ.

Like
Like Love Haha Wow Sad Angry