
ވަކިވަކި މާއްދާތަކުގެ ނަތީޖާ ރަނގަޅުކުރުމަށް ސްކޫލްތަކުގައި އިތުރު މަސައްކަތްތަކެއް ކުރަނީ..
ވަކިވަކި މާއްދާތަކުގެ ނަތީޖާ ރަނގަޅު ކުރުމުގައި ސްކޫލްތަކަށް އެހީތެރިވެދިނުމުގެ ގޮތުން ޚާއްޞަ މަސައްކަތު ބައްދަލުވުންތަކެއް ކ. އަތޮޅުގެ ހުރިހާ ސްކޫލެއްގައި ކުރިއަށްގެންގޮސްފިއެވެ.
މިއީ އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ސްކޫލްތަކުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ސަބްޖެކްޓް އިމްޕްރޫވްމަންޓް ޕްލޭން ތައްޔާރު ކުރުމާއި ގުޅޭ މަސައްކަތު ބައްދަލުވުމެކެވެ.

މި މަސައްކަތު ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ މާފުށި ސްކޫލް، ގުޅީ ސްކޫލް، ގުރައިދޫ ސްކޫލް، ގާފަރު ސްކޫލް، ދިއްފުށީ ސްކޫލް، ހުރާ ސްކޫލް، ހިންމަފުށީ ސްކޫލް އަދި ކާށިދޫގައި ހުންނަ ކ. އަތޮޅު މަދަރުސާ އާއި ތުލުސްދޫގައި ހުންނަ ކ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
މި މަސައްކަތު ބައްދަލުވުންތަކުގައި އެ ސްކޫލްތަކުގައި މަސައްކަތްކުރާ ހުރިހާ ޓީޗަރުން ބައިވެރިވެފައިވާ އިރު، ސްކޫލްތަކުގެ ވަކިވަކި ޑިޕާޓްމަންޓްތަކުން ވަނީ ކޮންމެ މާއްދާއަކަށް ސަބްޖެކްޓް އިމްޕްރޫވްމަންޓް ޕްލޭން ތައްޔާރުކުރުމަށް ތަމްރީނުވެފައެވެ.

މިއީ އަންނަ އަހަރުގެ ދިރާސީ އައު އަހަރު ފެށެންވާ އިރަށް ސްކޫލްތަކުގައި ސަބްޖެކްޓް އިމްޕްރޫވްމަންޓް ޕްލޭންތައް ތައްޔާރުކުރެވި، އެހެން އަހަރުތަކަށް ވުރެ އަންނަ އަހަރު ދަރިވަރުން ހޯދާ ނަތީޖާ ރަނގަޅު ކުރުމަށް ލަނޑުދަނޑިތަކެއް ކަނޑައަޅައިގެން މަސައްކަތްކުރުމުގެ މަޤުޞަދުގައި ބޭއްވި މަސައްކަތު ބައްދަލުވުމެކެވެ.
އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކުރިން އިތުރު އަތޮޅުތަކުގެ ސްކޫލްތަކަށް މި މަސައްކަތު ބައްދަލުވުން ކުރިއަށް ގެންދިޔުމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ.