އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް ޖާގަ ބޮޑުކުރުމައްފަހު އެތަން މިއަދު އަލުން ހުޅުވައިފި އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް ޖާގަ ބޮޑުކުރުމައްފަހު އެތަން ހުޅުވައިދެއްވީ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާއެވެ.
އެތަން ހުޅުވުމަށް މިއަދު ޓާމިނަލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އާދިލް މޫސާ ވިދާޅުވީ އެތެރޭގެ އުދުހުންތަކަށް ބާރު ބޮޑުވަމުން ދިއުމާއެކު އަލަށް ގެނެވުނު މި ބަދަލާއެކު ޑޮމެސްޓިކް ޓާމިނަލްގެ ޖާގައިތުރަށް ބޮޑުވެ ފުޅާވެފައިވާކަމަށެވެ.
އަދި މި ދަނޑިވަޅުގައި ކުރަމުން ގެންދަނީ ހަމައެކަނި މައި އެއާޕޯޓުގެ މަޝްރޫއު އެކަންޏެއް ނޫންކަމަށާއި މިއާއެކު އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި ކުރަން ޖެހޭ މައިގަނޑު މަސައްކަތްތައް ވެސް މި ދަނީ ކުރަމުން،ކަމަށްވެސް އާދިލް މޫސާ ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކުރިން ޑޮމެސްޓިކް ޓާމިނަލްގައި އިށީންދެ ތިބުމަށް ބެހެެއްޓިފައި ހުންނާނީ 90 ގޮނޑިކަމަށާއި މިހާރު އަލައް ގެނެވުނު މި ބަދަލާއެކު އިތުރަށް 70 ގޮނޑި އިތުރުކޮށްފައިވާކަމަށެވެ.
މީގެ އިތުރުން ޑޮމެސްޓިކް ޓާމިނަލްގެ ތެރޭގައި އޮންނަ ވެއިޓިން އޭރިއާއަށް އިތުރު 50 ގޮނޑީގެ ޖާގަ ވެސް އިތުރު ކޮށްފައިވާ ކަމަށްވެސް އާދިލް ވިދާޅުވިއެވެ.
މީގެ އިތުރުން ޑޮމެސްޓިކް ޓާމިނަލްގެ އެތޭގައި ހިލޭ ވައިފައިގެ ހިދުމަތް ތައާރަފު ކުރުމުގެ އިތުރުން ރިސޯޓުތަކާއި ރަށްރަށަށް ދަތުރު ކުރަން އަންނަ މީހުންގެ ސެކިއުރިޓީ ޗެކިން ހެދުމަށް ކުރިން ހުރި އެއް ސެކިއުރިޓީ މެޝިން ވަނީ ދެ މެޝިނަށް ބަދަލުކޮށްފަ އެވެ.