
ކައުންސިލްތަކުގެ ހިންގުމުގެ އިދާރީ ވެރިން ޢައްޔަންކުރަންވާނީ އިންސާފުވެރިކަމާއެކު: އިދިކޮޅު ކޯލިޝަން
ކައުންސިލްތަކުގެ ހިންގުމުގެ އިދާރީ ވެރިން ޢައްޔަންކުރަންވާނީ އިންސާފުވެރި ކަމާއެކު ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެފި އެވެ.
އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ކައުންސިލްތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާ ކަމަށްވާ ސެކެޓްރީ ޖެނެރަލުން ޢައްޔަން ކުރުމަށްޓަކައި ކުރި އިއުލާނުގެ މުއްދަތު މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހަމަވެފައިވާއިރު، މިސަރުކާރުން ބޭނުންވާ ބައެއް ފަރާތްތަކަށް ގުޅާ އިތުރު ފުރުސަތު ދެމުންދާ ކަމުގެ ޝަކުވާތައް އެ ކޯލިޝަނަށް ލިބެމުންދާ ކަމަށެވެ.
މިއީ ކަނޑައެޅިގެން ކޮރަޕްޝަންގެ ޢަމަލެއްކަން ފާހަގަކޮށް މިކަން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަމަށް އެ ކޯލިޝަންގެ ބަޔާނުގައި ބުނެފައި ވެއެވެ.
ވީމާ ސަރުކާރުން ބޭނުންވާ ބަޔަކު ޢައްޔަންކުރުމަށާއި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ސެކެޓްރީ ޖެނެރަލުން ޢައްޔަން ކުރުމުގެ ކަންކަން ކުރިއަށް ނުގެންދިއުމަށް ސިވިލް ސަރވިސް ކޮމިޝަނަށް އެ ކޯލިޝަނުން ވަނީ ގޮވާލާފަ އެވެ.
ސުންގަޑި ހަމަވުމަށްފަހު އިތުރު ފަރާތްތަކަށް ހުޅުވާލާނަމަ އެކަން ކުރަންވާނީ ހާމަކަންބޮޑުގޮތެއްގައި އެކަން އިއުލާން ކުރެވިގެން ކަމުގައިވެސް އެ ކޯލިޝަނުން ވަނީ ބުނެފަ އެވެ.