ޚަބަރު ފީތާ

އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެން ޚިތާނީ ކޭމްޕެއް ބާއްވަނީ!

އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެން ޚިތާނީ ކޭމްޕެއް ބޭއްވުމަށް ނިންމައިފި އެވެ.

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ޢާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ މި ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އޮގަސްޓް ފަސްވަނަ ދުވަހާ ހަމައަށް ޚިތާނީ ކޭމްޕް ކުރިއަށްދާނެ ކަމަށެވެ.

ޚިތާނުކުރުމާއި އެއަށްފަހު އެޑްމިޓްކުރުން ހަމަޖެހިފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ކަމަށާއި ޚިތާނުކުރުން ކުރިއަށް ގެންދާނީ އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލުގެ ސާރޖަރީ ޑޮކްޓަރުންގެ ޓީމަކުން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އައިޖީއެމްއެޗުގެ ބަޔާނުގައި ބުނީ ޚިތާނީ ކޭމްޕުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓްކުރުމުގެ ފުރުސަތު މިމަހުގެ 7 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ އިރު، މިފަހަރުގެ ކޭމްޕުގައި ޚިތާނުކުރުމަށް ނިންމާފައިވަނީ 200 ކުދިން ކަމަށެވެ.

“ހުކުރުދުވަސް ފިޔަވައި ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރުފަހު 3:00 އާއި ދެމެދު ދަރުމަވަންތަ ހޮސްޕިޓަލްގެ ތިންވަނަ ފަންގިފިލާގައިވާ ސާޖަރީ ކައުންޓަރުން ނަން ނޯޓްކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ. ނަން ނޯޓުކޮށްފައިވާ ކުދިން ޚިތާނުކުރުމުގެ އެއް ހަފުތާ ކުރިން ސާޖަރީ ޑޮކްޓަރަށާއި ހޭނައްތާ ޑޮކްޓަރަކަށް ދެއްކުމުގެ ފުރުސަތު ހޮސްޕިޓަލުން ފަހިކޮށްދޭނެ. ޚިތާނުކުރުމަށް އޮޕަރޭޝަން ތިއޭޓަރަށް ގެންދާއިރު 72 ގަޑިއިރު ހަމަނުވާ ކޮވިޑް-19 ނެގެޓިވް ރިޕޯޓެއް އޮންނަން ޖެހޭނެ. މި ޓެސްޓް ހެދުމުގެ އިންތިޒާމު ވެސް ހޮސްޕިޓަލުން ހަމަޖައްސައިދޭނެ.” އައިޖީއެމްއެޗު ގެ ބަޔާނުގައި ބުނެފައި ވެއެެވެ.

ޚިތާނުކުރުމާއި ގުޅިގެން އެއްވެސް އިމަޖެންސީއެއް ދިމާވެއްޖެނަމަ އަވަސްފަރުވާއަށް އައިޖީއެމްއެޗްގެ އެމަޖެންސީ ޑިޕާޓްމަންޓަށް ދިއުމުން އައިޖީއެމްއެޗްގެ ސާޖަރީ އޮންކޯލުގައި ހުންނަ ޑޮކްޓަރު ބަލާނެ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެން ޚިތާނީ ކޭމްޕެއް ބާއްވަނީ!"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.