
އިންޑިއާ މީހަކު އަނބިމީހާ މަރާލުމަށް ފަހު، އާއިލާއަށް އެންގީ އަންހެނުން ކޮވިޑް ޖެހިގެން މަރުވި ކަމަށް
އިންޑިއާގެ ހައިދަރްއާބާދުގެ ޓްރިޕަޓޫގައި އަނބިމީހާ މަރާލުމަށް ފަހު އޭނާ މަރުވީ ކޮވިޑް-19 އަށް ފަރުވާ ހޯދަނިކޮށް ކަމަށް އާއިލާއަށް އަންގައިފި އެވެ.
އެމް ޝްރިކާންތް ރެޑީ އާއި އޭނާގެ އަންހެނުން އެމް ބުވަނޭޝްވަރީ ދިރިއުޅެމުން ދަނީ ވަކިން އެމީހުންގެ 18 މަހުގެ ދަރިފުޅު ގޮވައިގެން ކަމަށްވެ އެވެ. ދެމީހުންނަކީ ހައިދަރްއާބާދުގައި ސޮފްޓްވެއާ އިންޖިނިއަރުންގެ ގޮތުގައި މަސައްކަތް ކުރާ ދެމީހުންނެވެ.
އަދި ކޮވިޑާއި ގުޅިގެން ދެމީހުންގެ ވަޒީފާ ގެއްލިފައިވާ ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެ އެވެ. އެ އަންހެން މީހާ ގެއްލިގެން ހޯދަން ފަށަން ޖެހުނު ގޮތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ހައިދަރްއާބާދުގެ ފުލުހުން ބުނެފައިވަނީ އުމުރުން 30 އަހަރުގެ ޝްރިކާންތް ހޯދުމުގެ މަސައްކަތް ކުރަމުންދަނީ 27 އަހަރުގެ އޭނާގެ އަންހެނުން މަރާލި ކަމުގެ ތުހުމަތުގައި އެވެ. ފުލުހުން އާންމު ކުރި ސީސީޓީވީ ފުޓޭޖުން ފެންނަނީ މީގެ ހަ ދުވަސް ކުރިން އެ ދެމަފިރިން ދިރިއުޅުނު އެޕާޓްމެންޓުން ބޮޑު ރަތް ކުލައިގެ ފޮށްޓެއް އެއް އަތުން ހިފައިގެން އަނެއް އަތުން ކުޑަ އަންހެން ދަރިފުޅު އުރައިގެން ޝްރިކާންތް ނުކުމެގެން ދާތަނެވެ.
ފުލުހުން ބުނީ ތުހުމަތު ކުރެވޭ ގޮތުގައި އޭނާ ގެއިން ނުކުމެގެން ދިޔައީ އަންހެނުން މަރާލުމަށް ފަހު އެ ފޮއްޓަށް ލައިގެންނެވެ. އަދި އިންޑިއާ ހިންދޫ ދީނުގެ މީހުން މަރުވުމުން އަންދާ ތަނަކަށް ގޮސް އޭނާ އެތަނަށް ދިޔަ ޓެކްސީ ޑްރައިވަރުގެ އެހީގައި އަންހެނުންްގެ ހަށިގަނޑު އަންދާލާފައިވާ ކަމަށެވެ.
އަންހެނުންގެ ހަށިގަނޑު އަންދާލުމަށް ޝްރިކާންތައް އެހީވެދިން ކަމަށް އެ ޑްރައިވަރު ވަނީ ފުލުހުން ކުރިމަތީ އެއްބަސްވެފައި އެވެ. ފުލުހުން ބުނީ ޝްރިކާންތް އަންހެނުންގެ އާއިލާއަށް ގުޅައި އަނބިމީހާ ކޯވިޑް ޖެހިގެން ހޮސްޕިޓަލުގައި އޮވެ މަރުވި ކަމަށް އަންގާފައިވާ ކަމަށާއި ހަށިގަނޑު އަންދާލުމުގެ ކަންކަން ކުރިޔަށް ގެންދިޔައީވެސް ހޮސްޕިޓަލުން ކަމަށް ބުނެ އާއިލާއަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
ޝްރިކާންތް ފުލުހުންނަށް އަތުލައި ގަނެވިފައި ނުވާތީ މިހާތަނަށް ހާދިސާ ހިނގާދިޔަ ގޮތުގެ ހަގީގަތެއް ނޭނގެ އެވެ. ފުލުހުން ލަފާ ކުރަނީ އޭނާ އަންހެނުން މަރާލީ ދެމީހުންގެ ދެމެދުގައި ހިނގި ޒުވާބެއްގައި ކަމަށް ބެލެވެ އެވެ.