ޚަބަރު ފީތާ

އިންސާނީ ހައްގުތަކާ ގުޅޭ ކަންކަން ލިޔުންކޮޅެއްގެ ބަދަލުގައި ކުރާ ކަންކަމުން ދައްކަންޖެހޭނެ: ސީޕީ ޙަމީދު

އިންސާނީ ހައްގުތަކާ ގުޅޭ ކަންކަމަކީ ލިޔެލާފަ ބައިންދާ ލިޔުންކޮޅެއްގެ ބަދަލުގައި ކުރާ ކޮންމެ މަސައްކަތެއްގައި ވެސް ބޭނުންކުރަން ޖެހޭނެ މުހިންމު ކަމެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ރާއްޖޭގައި ފުރަތަމަފަހަށް ބޭއްވި އެންޓި ޓޯޗަރ ތަމްރީނު ޕްރޮގްރާމް ނިމި، ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ވާރޗުއަލްކޮށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ނެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ތައްޔާރުކޮށް ދިވެހި ފުލުހުންނާއި ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމް 42 ފުލުހުން ވަނީ ފުރިހަމަކޮށްފަ އެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ އޭޕްރިލް 2 ން 8 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ރަސްމިއްޔާތުގައި ޝަރަފްވެރި މެހްމާން ސީޕީ ޙަމީދު ވިދާޅުވީ އެންޓި ޓޯޗަރ އާ ދެކޮޅަށް އެޗްއާރްސީއެމް އިން ކުރަމުން ގެންދާ މަސައްކަތް ވަރަށް އުފަލާއެކު ފާހަގަ ކުރައްވާ ކަމަށެވެ. އަދި އޮންލައިންކޮށް މިކަން ފާހަގަ ކުރުމަކީ ދުވަހާ ވަރަށް ގުޅޭ ކަމެއް ކަމަށެވެ.

“ކޮވިޑް-19 ގެ މި ދަތި ހާލަތުގައި ވެސް އެޗްއާރްސީއެމް އިން އިސްނަގައިގެން މިފަދަ ޕްރޮގްރާމެއް ރާވާ، ކުރިއަށް ގެންދިޔަ ކަމީ، ފުލުހުންނަކީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ގާބިލު، ހުނަރުވެރި އަދި އިންސާނީ ކަރާމަތަށް ފުރިހަމައަށް ކަމޭހިތުމަށްޓަކައި އެޗްއާރްސީއެމް ގެ ދައުރުގެ ތެރެއިން ވެވުނު ވަރަށް މުހިންމު މަސައްކަތެއް.” ސީޕީ ޙަމީދު ވިދާޅުވި އެވެ.

ސީޕީ ޙަމީދު ވިދާޅުވީ މިއީ މިފަދަ ޕްރޮގްރާމެއް ހިންގި ފުރަތަމަ ފަހަރު ކަމަށާއި މިއީ ދެ މުވައްސަސާ ގުޅިގެން ކުރަން ފެށުނު މުހިންމު މަސައްކަތެއް ކަމަށެވެ. އަދި 42 ފުލުހުން ބައިވެރިވެ، ސެޓްފިކެޓް ހާސިލުކޮށްފައިވާ އިރު، މިފަދަ ޕްރޮގްރާމުތައް ކުރިއަށް ގެންގޮސްދިނުމަށް އެދިވަޑައިގެންނެވި އެވެ.

މީގެ އިތުރުން މިފަދަ އެންމެހައި ކަންކަމަށް ފުލުހުންގެ އެެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށާއި ކޯހުން އުނގަންނައިދިން ކަންތައްތައް ޢަމަލީގޮތުން ދައްކުވައިދިނުމަށް ސެޓްފިކެޓް ހާސިލު ފުލުހުންގެ ކިބައިން ހަމީދު ވަނީ އެދިވަޑައިގެންފަ އެވެ.

ސީޕީ ވިދާޅުވީ ދިވެހި ފުލުހުންގެ މިޝަން އަމާޒުކުރެވިފައި މިވަނީ އިންސާނީ ހައްގު ހިމާޔަތް ކުރުމަކީ އަސާސެއް ކަމަށް ބަލައިގެން މަސައްކަތް ކުރުމުގެ މައްޗަށް ކަމަށެވެ. އެ މިޝަން އޭގެ އެންމެފުރިހަމަ ގޮތުގައި ހާސިލު ކުރުމަށްޓަކައި އިންސާނީ ހައްގުތަކާ ގުޅޭ ކަންކަމަކީ ލިޔެލާފަ ބައިންދާ ލިޔުންކޮޅެއްގެ ބަދަލުގައި ކުރާ ކޮންމެ މަސައްކަތެއްގައި ވެސް ބޭނުންކުރަން ޖެހޭނެ މުހިންމު ކަމެއް ކަމަށް ވެސް ސީޕީ ޙަމީދު ވިދާޅުވި އެވެ.

ދިވެހި ފުލުހުންނަށް އަމާޒުކޮށްގެން އެޗްއާރްސީއެމް އިން އިސްނަގައިގެން ހިންގެވި “އެންޓި ޓޯޗަރ ތަމްރީނު ޕްރޮގްރާމު” ގެ އެންމެހައި ބައިވެރިންނަށާއި މުދައްރިބުންނަށް ސީޕީ ޙަމީދު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ “އިންޓަރނޭޝަނަލް ޑޭ އިން ސަޕޯޓު އޮފް ވިކްޓިމްސް އޮފް ޓޯޗަރ” އަކީ މީގެ 34 އަހަރުކުރިން އދ، އިން ޓޯޗަރ އާ ދެކޮޅަށް ކޮންވެންޝަނަށް ޢަމަލުކުރަން ފެށި ދުވަހެވެ.

Like
Like Love Haha Wow Sad Angry

ޚިޔާލު 1 on "އިންސާނީ ހައްގުތަކާ ގުޅޭ ކަންކަން ލިޔުންކޮޅެއްގެ ބަދަލުގައި ކުރާ ކަންކަމުން ދައްކަންޖެހޭނެ: ސީޕީ ޙަމީދު"

  1. ހުދުހުދު | ޖޫން 26, 2021 at 22:54 |

    އިސްލާމްދީން ބިނާ ވެގެންވަނީ އިންސާނީ ހަމަތަކުގެ މަތީގަ.

Comments are closed.