ޚަބަރު ފީތާ

ފްލައިޓަށް އަރަން ހުއްދަ ނުދިނުމުން ބެގެޖް ބެލްޓް މަތީ ހިނގި މީހަކު ހައްޔަރު ކޮށްފި

ފްލައިޓަށް އެރުން މަނާ ކުރުމުން ނުރުހުން ފާޅުކޮށް ބެގެޖް ބެލްޓް މައްޗަށް އަރައި ހަމަނުޖެހުން ހިންގަން އުޅުނު މީހަކު ހައްޔަރު ކޮށްފިއެވެ.

ނިއުދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުން މިމީހާ ފްލައިޓަށް އަރަން ހުއްދަ ނުދިނީ ކޮވިޑްއަށް ނައްސިކަން ކަށަވަރު ކޮށްދޭ ޓެސްޓު ހަދާފައި ނެތުމުންނެވެ. ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން އެއާޕޯޓުން ދަތުރުކުރާ ކޮންމެ ފަސެންޖަރަކުވެސް ކޮވިޑްއަށް ޓެސްޓު ކުރަން ޖެހެއެވެ. އަދި ފްލައިޓަށް އެރުމަށް ހުއްދަ ދެވޭނީ ނައްސި ނަތީޖާއަކާއި އެކުއެވެ. އެހެންނަމަވެސް ވިސްތާރާ އެއާލައިންސްއިން މުމްބާއިއަށް ދަތުރު ކުރުމަށް އައި އުއްތަރު ޕްރަދޭޝްއަށް ނިސްބަތްވާ ވިޔަފާރިވެރިޔާ ސޫރަޖް ޕާންޑޭ އެ ޓެސްޓު ހަދާފައެއް ނުވެއެވެ.

މީޑިއާއަށް މަޢުލޫމާތު ދެމުން ވިސްތާރާ އެއާލައިންސްގެ ޑެޕިއުޓީ މެނޭޖަރ ދީޕަކް ޗައްދާ ބުނެފައި ވަނީ، ފްލައިޓަށް އެރުމަށް ހުއްދަ ނުދިނުމުން ސޫރަޖް ޕާންޑޭ ރުޅިގަދަވެ އަޑުގަދަ ކޮށް ހަމަނުޖެހުން އުފައްދާފައިވާ ކަމަށާއި، ބެގެޖް ބެލްޓަށް އަރައި އޭގެމަތީގައި ހިނގާފައިވާ ކަމަށެވެ. ފުލުހުން ވަނީ ޕާންޑޭގެ މައްޗަށް އެއާލައިންސްގެ މުވައްޒަފުންގެ މަސައްކަތައް ހުރަސް އެޅުމާއި އެހެން ފަސިންޖަރުންނަށް އުނދަގޫ ކުރުމުގެ ދައުވާވެސް އުފުލާފައެވެ.

ވީޑިއޯއެއްގައި ޕާންޑޭ އެއާލައިންގެ މުވައްޒަފުންނަށް ހަޅޭލަވާ މަންޒަރާއި މުމްބާއިއަށް ދިއުމަށް އެހެން ފްލައިޓަކުން ޖާގަ ހޯދައިދިނުމަށް އަމުރުކުރާ މަންޒަރު ދައްކުވައިދެއެވެ. އޭނާ ފުލުހުންނާއި ހަވާލު ކޮށްފައި ވަނީ އެއާޕޯޓުގެ ސެކިއުރިޓީ ގަދަކަމުން އޭނާ އެއާޕޯޓުން ނެރެގެންނެވެ.

މީޑިއާއަށް މަޢުލޫމާތު ދެމުން ދިއްލީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރަޖީވް ރަންޖަން ބުނެފައި ވަނީ، އެމައްސަލައިގެ ތަހުގީގުގައި އެއާލައިނުން ހުށަހަޅާފައިވާ މައްސަލައާއި ޕާންޑޭ ބުނާ އެއްޗަކާއި ދިމާވޭތީ ބެލުމަށް ސީސީޓީވީ ފުޓޭޖް ބަލާފައިވާ ކަމަށާއި، ސީސީޓީވީ ފުޓޭޖާއި އަދި މިހާތަނަށް ކުރި ތަހުގީގުން އެއާލައިންސްގެ މަސައްކަތައް ހުރަސްއެޅޭ ގޮތަށާއި އަދި އިންޑިޔާގެ ގާނޫނުގެ މާއްދާތަކަކާއި ޚިލާފަށް ޕާންޑޭ އަމަލުކޮށްފައިވާ ކަން ސާބިތުވާ ކަމަށެވެ.

ކަފާލާތުގެ ދަށުން ޕާންޑޭ މިހާރު ޖަލުން މިނިވަން ކޮށްފައިވި ނަމަވެސް ވަރަށް އަވަހަށް ޝަރިއަތުގެ އަޑުއެހުމަށް ދިއްލީ ކޯޓަށް ހާޒިރުވާން އަންގާނެކަމަށް ފުލުހުން ބުނެފައިވެއެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: